ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޮ: އެމްޑީޕީ
ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޮ: އެމްޑީޕީ

ޝަރީއަތުގެ ވަކި ރިޕޯޓެއް ކޮމަންވެލްތުން ހަދާކަށް ނަޝީދު ބޭނުންފުޅެއް ނުވޭ: ވަކީލުން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާ ގުޅޭ ގޮތުން ކޮމަންވެލްތުން ވަކި ތަހުގީގެއް ހިންގާ ރިޕޯޓެއް ތައްޔާރުކުރައްވާން އެމަނިކުފާނު ބޭނުންފުޅު ނޫން ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ ނަޝީދުގެ ޝަރީއަތާ ގުޅޭގޮތުން ކޮމަންވެލްތުން ރިޕޯޓެއް ތައްޔާރު ކުރުމަށް ޓަކައި ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމަންވެލްތުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދު އިއްޔެ އެމަނިކުފާނާ ބައްދަލުކޮށްފައިވާ ކަމަށެވެ. ހަސަން ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ ރިޓަޔާޑް ފަނޑިޔާރެއް އިސްކޮށް ހުންނަވާ އެ ވަފްދުގެ މަސައްކަތަކީ ނަޝީދުގެ ޝަރީއަތުގެ ތަހްގީގާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލަށް އެރުވުން ކަމަށްވީ ނަމަވެސް ކޮމަންވެލްތުން ވަކި ތަހްގީގެއް ހިންގަވަން ބޭނުންފުޅު ނުވާކަން އެ ވަފްދުގެ ބޭފުޅުންގެ އަރިހު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ހަސަން ވިދާޅުވީ އެގޮތަށް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ގޮތް ކޮމަންވެލްތަށް އެނގޭނެތީ އިތުރަށް ނަޝީދުގެ ޝަރީއަތާއި ގުޅޭގޮތުން ވަކި ރިޕޯޓެއް ހެދުމުގެ މާނައެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ. ކޮމަންވެލްތުން ވަކި ތަހްގީގެއް ހިންގަވައިގަންވަން ބޭނުންފުޅުނުވަނީ އެ ޖަމިއްޔާއަށް އިތުބާރުކުރުމަށް ދިވެހި ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ދަތިވާތީ ކަމަށްވެސް އެމީހުން ގާތު ނަޝީދު ދެންނެވި ކަމަށް ހަސަން ވިދާޅުވި އެވެ.

”ދެހާސް ބާރަވަނަ އަހަރުގެ ވެރިކަން ބަދަލުވި ގޮތުގެ އިންކުއަރީއެއް އުފައްދަވާ ކޮމަންވެލްތުން އެ ކުރެއްވި މަސައްކަތުގެ ނަތީޖާ ނުކުތްގޮތުން ސަރުކާރާ ވާދަވެރި ފަރާތްތަކަށް ކޮމަންވެލްތައް އިތުބާރުކުރަން ވަނީ އުނދުގޫވެފައި. ހަމަ އެއާއެކު ސަރުކާރުން ކުރާ ކަންކަމާ ބެހި އެކަމާ ގުޅޭ ގޮތުން އެކި އެކި ބަސްފުޅު ކޮމަންވެލްތުން ވިދާޅުވާތީ ސަރުކާރުންވެސް ކޮމަންވެލްތާމެދު އިތުބާރު ކުޑަވެފައިވާކަމަށް ރައީސް ނަޝީދަށް ފާހަގަ ކުރައްވާ އެކަން ކޮމަންވެލްތުގެ ސަމާލުކަމަށް ގެންވި އެންމެ ފުރަތަމަވެސް،“ ހަސަން ވިދާޅުވި އެވެ.

އެ ވަފުދާ ނަޝީދު ވާހަކަ ދައްކަވާފައި ވަނީ ވެރިކަން ހިންގުމުގެ ނިޒާމްގައި ހުރި މައްސަލަތާ ގުޅޭ ގޮތުން ކަމަށް ހަސަން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމް ކުށް ސާބިތުވާ ކަމަށް ކުރި ހުކުމާއެކު ނަޝީދު ގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *