ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި އެވެ.
އެ މަޝްރޫއު ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޔާމީން އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އާއި އެމްޑީއޭ މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާހާރާތުގެ ވެރިން ބައިވެރިވެ ގަސް އިންދާފައިވެ އެވެ. އަދި ރަސްމިއްޔާތު ނިންމާލާފައިވަނީ ހަވާ އެރުވުމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 244 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. މިހާރު ހިއްކި ސަރަހައްދުގެ ބޭރު ދޮށިލުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު އެ މަސައްކަތް އަށް މަހާއި 12 މަސް ދުވަހުތެރޭ ނިންމާލެވޭނެކަމަށް އެޗްޑީސީން ލަފާކުރެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ ހުޅުމާލޭގެ ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށްގެންނެވެ.
އެއްލައްކަ މީހުންގެ އަބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވަނީ 180 ހެކްޓަރުގެ ބިމެވެ. އަދި ހިއްކާ ބިމުގެ 60 ޕަސެންޓް މީހުން ދިރިއުޅުމަށް ހާއްސަކުރާއިރު ބާކީ 40 ޕަސެންޓަކީ ވިޔަފާރިއާ އިގްތިސާދާ ސިނާއީ އަދި މުނިފޫހިފިލުވުމަށް ހާއްސަ ކުރާ ސަރަހައްދެކެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކީ 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު އެވެ.