ރާއްޖޭގައި މިއަދު އޮތީ ފިތުނަ އާއި ފަސާދަ އާއި ބޭއިންސާފު ކަމަށާއި ގައުމުގެ އެންމެންގެ މައްޗަށް ހަމަ ކުއްލިއަކަށް ކޯފާއެއް އަތުވެދާނެ ހިސާބަކަށް ކަންކަން ގޯސްވެފައިވާ ކަމަށް ދީނީ އިލްމުވެރިންތަކެއް ވިދާޅުވެއްޖެ އެވެ.
ހައްގު ބަސް ބުނުން ލާޒިމް ވެފައިވާ ކަމަށް ވިދާޅުވެ 15 އިލްމުވެރިއަކު ސޮއިކުރައްވާ ނެރުއްވި އެ ބަޔާނުގައި ވަނީ ރާއްޖެ މިހާރު ވަނީ ނާމާންކަމާއި ބިރުވެރިކަމާއި ޖަރީމާތަކުގެ ކަނޑަކަށް ޣަރަގުވެ އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި ވެރިކަމާއި އަދުލު އިންސާފުގެ ދާއިރާގެ އާރާއި ބާރާއި އިތުބާރު ގެއްލި، އަދުލު އިންސާފަކީ ﷲ ބާވާލެއްވި ކަމެއްކަން ވެސް ނޭނގޭ ހިސާބަށް ހާލަތު ބަދަލުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ބަޔާނުގައި ވަނީ ތިމާ ނުރުހޭ މީހަކަށް، އެންމެންގެ ލޯތައް ކުރިމަތީގައި އަނިޔާވެރިވަމުން ދާއިރު އެކަމަށް އަޅާލާނެ ބަލަދުވެރިއެއް އަދި އެކަން ބަލައިދޭނެ އިންސާފުވެރި ފަނޑިޔާރު ގެއެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި ފަނޑިޔާރު ގޭގައި ކަން ހިނގަމުން ދަނީ އިސްލާމީ ޝަރީއަތުގެ އިތުރުން އިންސާނީ އުސޫލާ ވެސް ހިލާފަށް ކަމަށް ވެސް ބުނެފައި ވެ އެވެ.
އެބަޔާނުގައި ބުނި ގޮތުގައި ގައުމުގެ ޒުވާނުން އެކި ގޮތްގޮތުން ހަލާކުވެފައިވާއިރު އެ މީހުން އިސްލާހު ކުރާނެ ބަޔަކު ނެތް ތަނުގައި ފުޅާ ކުރަމުން ދަނީ ޒުވާނުން ހަލާކު ކުރުމުގެ ވަސީލަތްތައް ކަމަށެވެ.އަދި ރައްޔިތުންނަށް ހިދުމަތް ދޭ އިދާރާތަކުގައި ހިޔާނާތާއި ޓެކުމާއި ކޮރަޕްޝަން އިންތިހާއަށް އޮންނައިރު އެކަން ރީތި ސަގާފަތަކަށް ބަދަލުވެފައިވާ ކަމަށް ވެސް އިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި އަނިޔާވެރިކަމަކީ އޭގެ މަތީގައި އަބަދު ދެމިތިބެވޭނެ ކަންކަމެއް ނޫނެވެ. އަނިޔާވެރިންނަށް ބައެއް ފަހަރު ފުރުސަތުތަކެއް ދެނީ އެކަމުން އަންނަން އޮތް އަޒާބެއްގެ ބޮޑުކަމުން އެ މީހުން ސަލާމަތްވޭތޯ ފުރުސަތެއް ދިނުމުގެ ގޮތުން ނޫނީ ދުނިޔެ މަތިން ކުއްލި އަޒާބެއް ދިނުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
މި މުސީބާތްތަކަށް އޮތް ހައްލެއްގެ ކަމަށް އިލްމުވެރިން ވިދާޅުވީ ސިޔާސީ ގޮތުން އިސްލާހަށާއި ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ އެކުވެރި ސިޔާސީ ޖަމާއަތްތަކަށް ވާގިދިނުމެވެ.