”ފާރަ ގެމަ“ ބޭނުންކޮށްގެން ތަހުގީގުތައް ކުރުމުގައި އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުންތަކެއްގައި ފުލުހުންނާއި ހަތަރު މުއައްސަސާއަކާއި ދެމެދު ސޮއިކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނާއެކު ސޮއިކޮށްފައިވަނީ އިމިގްރޭޝަން ޑިޕާޓްމަންޓާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.
ކަސްޓަމްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު އެވެ. އެމްޕީއެލްގެ ފަރާތުން އެކުންފުނީގެ ބޯޑްގެ ޑިރެކްޓަރު މުހައްމަދު ޝިޔާމް ސޮއިކުރައްވާފައިވާއިރު އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕޮލިސް ހުސެއިން ވަހީދު އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ސީޕީ ހުސެއިން ވަހީދު ވިދާޅުވީ އެއްބަސްވުކީ މަސްތުވާތަކެތި މަދު އަމާން ވެއްޓަކަށް ގެންދިއުމަށް އެ ފަރާތްތައް ކުރަމުންދާ މަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމަކީ އެ މަސައްކަތްތައް ފަސޭހަ ކުރުމަށް ކޮށިގެން ދާ މަގެއް ކަމަށާ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަދި މި ކުއްތާތައް ބޭނުންކޮށްގެން އެއާޕޯޓާއި އެހެނިހެން ތަންތާނގައި ވެސް އޮޕަރޭޝަންތައް ހިންގާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ރާއްޖެ ގެނައި ކުއްތާތައް ބޭނުންކޮށްގެން މިދިޔަ ހަފްތާގައި ހިންގި ފުރަތަމަ އޮޕަރޭޝަނުގައިވެސް ވަނީ ހެންވޭރުކޮޅު ގެއަކުން މަސްތުވާތަކެތި ހޯދާފަ އެވެ.