އައިޖީއެމްއެޗް ކައިރީ ހުއްޓަ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ނިޔާވި މާލޭ ދަފްތަރު އުމުރުން 29 އަހަރުގެ ނޫރު އާދަމް ހަސަންފުޅުގެ މަރާއި ގުޅިގެން އިތުރު މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
މި މައްސަލައިގާ ހޯދަން އިއުލާނުކުރި ތިންވަނަ މީހަކީ ކ.މާލެ، ދަފްތަރު ނަންބަރު ދރ 1169، އިސްޙާޤް ނާދިރު (18އ) އެވެ. ހަމައެއާއެކު އިއްޔެ އިޢުލާން ކުރި ދެމީހުންގެ ތެރެއިން ޏ.ފުވައްމުލަށް ހޯދަޑު، ނޯވެލް، މުޙައްމަދު ޝަމްލު (18އ) ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގާ ދެމީހަކު ހޯދަން އިއްޔެ އިއުލާނުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ވަނީ ހާޒިރު ވެފަ އެވެ. ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ޙާޟިރު ވެފައިވަނީ ޏ.ފުވައްމުލައް ދަނޑިމަގު، ޝައިނީ، މުޙައްމަދު ސަމީޙު (19އ) އެވެ.
މިހާރު ހޯދަމުން އަންނަ ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދެ އެވެ.
މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު 01:30 ހާއިރު އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނޫރު ނިޔާވެފައިވަނީ އެރޭ ދަންވަރު 03:30 ހާއިރުއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.