ޗެމްޕިއަންސްލީގު: ފަހުވަގުތުގައި ލިބުނު ޕެނެލްޓީ ނާކާމިޔާބުވެ ޗެލްސީ އެއްވަރުވެއްޖެ

ޔޫއެފާ ޗެމްޕިއަންސްލީގުގެ ގްރޫޕް ޖީ ގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތުގައި ލިބުނު ޕެނެލްޓީ ނާކާމިޔާބުވެ ޗެލްސީ އެއްވަރުވެއްޖެއެވެ.

ޗެލްސީއިން ރަށުން ބޭރުގައި މަރިބޯރއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި އިބްރައިމީގެ ގޯލުން މަރިބޯރ ލީޑު ނަގާދީފައިވަނިކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 73 ވަނަ މިނެޓުގައި މެޓިޗެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނެލްޓީ ނާކާމިޔާބުކޮށްލީ އެޑިން ހަޒާޑެވެ. ހަޒާޑް އޭނާގެ ފުޓުބޯޅަ ކެރިއަރގައި 30 ޕެނެލްޓީ ޖަހާފައިވާއިރު އޭނާއަށް ނާކާމިޔާބުވެފައިވަނީ 3 ޕެނެލްޓީއެވެ.

މެޗުގައި ވަރުގަދައަށް ކުޅެ ޗެލްސީއިންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މަރިބޯރގެ ކީޕަރ ހެންޑަނޮވިޗްވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ސޭވްތަކެއް ކޮށްފައެވެ. ޗެލްސީ މިހާތަނަށް މި ސީޒަންގައި 16 މެޗު ކުޅެ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މިއީ ޗެލްސީގެ ކްލަބް ރެކޯޑެކެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ސްޕޯރޓިން އަދި ޝާލްކާ ވާދަަކުރި މެޗު ސްޕޯރޓިންއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން 2 ވަނައިގައި އޮތް ޝާލްކާ ބަލިވުމުން ނޮކްއައުޓް ޔަގީންކުރުމަށް ޗެލްސީއަށް ޖެހޭނީ ގުރޫޕް ސްޓޭޖްގެ ބާކީއޮތް 2 މެޗުން 1 މެޗު ކާމިޔާބުކުރާށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *