މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ޓުވިޓާ
މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ޓުވިޓާ

ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ތިން މަހަށް ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުން ތިން މަސް ދުވަހަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުން ޖުލައި 16، 2015 އަށް ފަސްކުރަން ފާސްވީ 43 މެމްބަރުން ވޯޓުންނެވެ. އެކަމަކު މިއަދު ވޯޓު ނަގާފައިވަނީ އަތް އުފުލައިގެންނެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަސް ކުރުމަށް މަޖިލީހުގެައި ވޯޓަށް އެހުން ކުރިޔަށް ގެންގޮސްފައިވަނީ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުން ފަސްކުރުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި އިހްތިޖާޖު ކުރަމުން ދަނިކޮށެވެ. ކުރިން އޮތް ގޮތުން މާދަމާ އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހެ އެވެ.

މިއަދު މި ބިލް ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައިފި ނަމަ، މިހާރު އޮތް ގޮތަށް މާދަމާއިން ފެށިގެން އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ޖެހޭނެ އެވެ.

ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އެއްވެސް ބިލެއްގައި، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު ބަދަލުކުރަން ހުށަހަޅާފައި ނެތް އިރު، އެ ބަދަލު ކޮމިޓީ މަރުހަލާގައި ނުގެނެވޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އަދި އެގޮތަށް ކައުންސެލް ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ފެށީ ވެސް އެމްޑީޕީގެ މެމްބަރުންގެ އިހްތިޖާޖާ އެކުގަ އެވެ. ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީގެ މެމްބަރުން ތިއްބެވީ މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނެރަލް އިންނަވާ އިދާރީ މޭޒު ”ހިސޯރު“ކޮށްގެންނެވެ.

އެގޮތަށް އަމަލުކުރީ އެމްޑީޕީގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވި ގޮތުގައި، ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާ ތާރީހު ބަދަލުކުރަން ގަވާއިދާ ހިލާފަށް މަސައްކަތް ކުރާތީ އެވެ. އެމްޑީޕީން އެގޮތަށް ރިޔާސަތު ހިސޯރުކުރުމުން މަޖިލީސް މެދުކަނޑާލަމުން މަޖިލީހުގެ ރިޔާސަތުން އިއުލާންކޮށްފައިވަނީ ދެން މިއަދު މަޖިލީހުގައި އޮންނާނީ ވޯޓަށް އެހުން ކަމަށެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރީ، ޖިނާއި ނިޒާމު ގަޑުބަޑުކޮށް، އިދިކޮޅު ސިޔާސީ ބޭފުޅުންނަށް، މިހާރު އޮތް ގާނޫނުލް އުގޫބާތުން ބޮޑެތި އަދަބުތައް ދިނުމަށެވެ. އަދި އާ ގާނޫނުލް އުގޫބާތަކީ އިސްލާމްދީނާ ފުށޫ އަރާ ގާނޫނެއްކަމަށް ޖަމިއްޔަތުއް ސަލަފުންވެސް ވަނީ މިއަދު ބުނެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *