ފުލުހުންގެ ބެލުމުގެދަށުގައި ހުރި މީހެއްގެ ގައިގާ ރޯވި މައްސަލަ ބަލަން ފަށައިފި

އައްޑޫ ސިޓީގައި ގެވެށި އަނިޔާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި މީހެއްގެ ގައިގާ އަލިފާން ރޯވި މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ނާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި 2015 އޭޕްރީލް 7 ވަނަ ދުވަހު ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެދުވަހު 15:30 ހާއިރު އައްޑޫ ސިޓީ ހިތަދޫން ކަމަށެވެ.

މިމައްސަލާގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ވަގުތީ ހައްޔަރުގައި ހުއްޓައި 2015 އޭޕްރީލް 8 ވަނަ ދުވަހު 12:30 ގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ފުރިހަމަ ކުރުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖެހުމަށްފަހު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ދާޢިމީ ހައްޔަރަށް ބަދަލުކުރުމުގެ ލިޔެކުޔުން ތައް ފުރިހަމަކުރެވެންދެން ވަގުތީ ހައްޔަރުގައި ބަހައްޓާފައި ހުއްޓާ އޭނާ ބަންދުކޮށްފާހުރި ގޮޅިން އަލިފާނުގެ އަސަރު ފެނުމުން ފުލުހުން ދިޔައިރު އޭނާ ލައިގެންހުރި ގަމީހުގެ ފުރަގަހުގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނު ކަމަށެވެ. އަދި އެވަގުތު އޭނާގެ ގައިގާ ހިފާފައިވާ އަލިފާން ނިއްވާލުމަށްފަހު ހޮސްޕިޓަލަށް ގެންގޮސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ޙާލަތު ރަނގަޅު ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *