ބާސާ އަދި ރެއާލްގެ މި ދެ ތަރިންނަށް ދެން އޮތީ ކޮން މަގެއް؟

މުހައްމަދު ޝާހީން

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ތެރޭގައި ނަން ކިޔަސް މި ދެ ކުޅުންތެރިންނަށް މި ވަގުތު ކުރިމަތިވެފައިވަނީ އުނދަގޫ ހާލަތެކެވެ. ކްލަބް ފުޓްބޯޅައިގައި ރަސްކަން ކުރަމުން އަންނަ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވަރުގަދަ ސްކޮޑްގައި ތަރިންގެ ލިސްޓުން ޖާގަ ލިބުނަސް މިއަދު ވަނީ ހާލަތު ބަދަލުވެފައެވެ. ދައްކަން މިއުޅެނީ ރެއާލްގެ މެދުތެރެއަށް ކުޅޭ އިސްކޯ އާއި ބާސާގެ މެދުތެރެއަށް ކުޅޭ ކުޓީނިއޯގެ ވާހަކައެވެ.

ޖާގައޮތީ ބެންޗުގައި

މި ދެ ތަރިންނަށް މި ވަގުތު ދިމާވެފައިވާ ހާލަތުގައި، އެންމެ އެއްގޮތް ކަމަކީ ދެ ކުޅުންތެރިންނަށް ވެސް ފުރަތަމަ 11 އަށްވުރެ ގިނައިން ބެންޗުގައި ތިބެން ޖެހިފައިވުމެވެ. ދުނިޔޭގެ އެހެން ކޮންމެ ކްލަބެއްގެ ވެސް ފުރަތަމަ 11 އިން އުނދަގުލެއް ނެތި ޖާގަ ހޯދޭނެކަމަށް ގަބޫލު ކުރެވޭ އިސްކޯ އާއި ކުޓީނިއޯއަށް މި ވަގުތު އޮތީ ސަންޓިއާގޯ ބެރްނަބެއޫ އާއި ކޭމްޕް ނޯ ގެ ބެންޗް ހޫނު ކުރުމުގެ މަސައްކަތެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މި މައްސަލަ އިތުރަށް، ގޯހުން ގޯހަށް ދާކަމުގެ ނިޝާންތައް ފެންނަމުން ދިއުމެވެ.

ފޯމް ކަޓާފައި

ކުޓީނިއޯ އާއި އިސްކޯއަށް ބާސާ އާއި ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ގެއްލުމުގައި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެ ދެ ކުޅުންތެރިން އެނބުރި އައުމަށް މަސައްކަތް ކުރާއިރު، އުންމީދު ކުރާވަރާ ގާތްކުރާވަރުގެ ކުޅުމެއް ދެ ކުޅުންތެރިންނަށް ވެސް ނުދެއްކެއެވެ. ބެންޗުން އަރާ ކުޅެން ލިބޭ މަދު ފުރުސަތުތަކާއި، ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ލިބޭ މަދު މެޗުތަކުގައި ވެސް ތަފާތު ދެއްކިފައެއް ނުވެއެވެ. ފަރުދީ ގޮތުން ޓީމަށް ތަފާތު ގެނެވޭވަރުގެ ކުޅުމެއް ނުދެއްކޭއިރު، ޓީމެއްގެ ގޮތުގައި އެ ދެ ކުޅުންތެރިންނަށް ޓީމުގެ ރޫހު އާލާކޮށްލެވޭވަރުގެ ކުޅުމެއް ވެސް ދެއްކޭގޮތެއް ނުވެއެވެ.

ފެންނަނީ އެއްގޮތް ކަންތައްތަކެއް

އިސްކޯ އާއި ކުޓީނިއޯގެ މި ސީޒަންގެ ކުޅުން ނަންބަރު އަދަދުތަކުން ވަޒަން ކުރާއިރު ވެސް ފެންނަނީ ދާދި އެއްގޮތް ކަންތައްތަކެކެވެ. ކުޓީނިއޯ ޖުމްލަ 24 މެޗުގައި ކުޅުނުއިރު، ވަނީ 6 ލަނޑު ކާމިޔާބު ކޮށްފައެވެ. އެންމެ ފަހުން ބާސާ ކުޅުނު ސްޕެނިޝް ލީގުގެ 4 މެޗުން ކުރެ މެޗެއްގެ ފުރަތަމަ 11 އިން ޖާގަ ލިބިފައި ނުވެއެވެ. އަނެއްކޮޅުން 5-1 އިން ބާސާ އަތުން ބަލިވި މެޗަށްފަހު އިސްކޯއަށް ސްޕެނިޝް ލީގުގައި ރެއާލްގެ ފުރަތަމަ 11 ގައި ނުކުންނަން އެންމެ މެޗެއްގައި ވެސް ފުރުސަތު ލިބިފައެއް ނުވެއެވެ. 20 މެޗުގައި ކުޅުނުއިރު، އިސްކޯ ވަނީ 4 ލަނޑު ޖަހާފައެވެ.

ކޯޗުގެ ރޭވުންތެރިކަމަށް ނުފެތޭ

އިސްކޯ އާއި ކުޓީނިއޯއަށް މި ވަގުތު ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، ރެއާލް އަދި ބާސާގެ ކޯޗުން ކުޅުވުމަށް ގެންގުޅޭ ވައްޓަފާޅިއަށް ނުފެތުމަކީ ވެސް ފާހަގަ ކުރެވޭ ކަމެކެވެ. މި ދެ ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި ދެ ކޯޗުންގެ ގޭމް ޕްލޭންއަށް ފިޓް ނޫނީއެވެ. ބާސާ އާއި ރެއާލް ވެސް 3-3-4 ފޯމޭޝަނަށް ކުޅޭއިރު، ބާސާގެ ކޯޗު ވަލްވާޑޭ އަދި ރެއާލްގެ ކޯޗު ސޮލާރީ ވެސް އަރިމަތިން ކުރިއަށް ކުޅުވުމުގައި އިސްކަން ދޭން ބޭނުންވަނީ ދުވެލި ބާރު ކުޅުންތެރިންނަށެވެ. މި ހަމައިން ބަލާއިރު، ރެއާލްގައި ވަޒްކުއޭޒް އާއި ވިނިޝިއަސް އާ އިސްކޯއަށް އަރާ ހަމަ ނުކުރެވެއެވެ. ސެންޓްރަލް މިޑްފީލްޑްގެ ރޯލްގައި އިސްކޯއަށްވުރެ ހުނަރުވެރި، އެ މަގާމަށް ކުޅެން އެކަށީގެންވާ ކުޅުންތެރިން އެބަ ތިއްބެވެ. ބާސާއަށް ބަލާއިރު، ޑެމްބެލޭއަކީ ކުޓީނިއޯއަށްވުރެ ދުވެލި ބާރު ކުޅުންތެރިއެކެވެ. އެހެންކަމުން، 3-3-4 ފޯމޭޝަންގައި މި ވަގުތު މި ދެ ކުޅުންތެރިންނަށް، ކުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނާއެކު ޖާގަ ލިބުން ދަތީއެވެ.

 

ރެއާލްއިން މި ސީޒަން ފެށިއިރު ކޯޗަކަށް ހުރި ލޮޕެޓެގީ ހުރިއިރު، އިސްކޯ އަކީ ފުރަތަމަ 11 އިން ޖާގަ ކަށަވަރު ކުޅުންތެރިއެކެވެ. އެހެނަސް އާ ކޯޗު ސޮލާރީއާއެކު އިސްކޯ މި ވަނީ ގެއްލިފައެވެ. ހަމައެފަދައިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އިންޓަ މިލާންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ، ދުވަސްކޮޅަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ކުރިން ކުޓީނިއޯ އަކީ ވެސް ބާސެލޯނާގެ ފުރަތަމަ 11 ޔަގީން ކުޅުންތެރިއެކެވެ. އެހެނަސް، އަނިޔާއިން އެނބުރި އައި ނަމަވެސް، ކުޓީނިއޯގެ ޖާގަ މި ވަގުތު ފުރަމުން ގެންދަނީ އޯސްމާން ޑެމްބެލޭއެވެ.

މި ދެ ތަރިންނަކީ ވެސް ފުޓްބޯޅައިގެ މުސްތަޤުބަލް އޮތް ދެ ކުޅުންތެރިންނެވެ. ވީއިރު، ފުރަތަމަ 11 އިން ޖާގަ ނުލިބޭނަމަ، އެހެން މަގެއް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ. ހިނގަމުން މިދަނީ ޖެނުއަރީގެ ޓްރާންސްފަރ މާކެޓްގެ ދުވަސްވަރެވެ. ދެ ކުޅުންތެރިންނާ ގުޅުވައިގެން ވެސް ޓްރާންސްފަރގެ ތުންތުންމަތިން ދެކެވޭ ވާހަކަތަކުގެ އަޑު އަންނަނީ ގަދަވަމުންނެވެ. އެހެނަސް، ބާސާ އަދި ރެއާލްގެ މި ދެ ތަރިންނަށް ދެން އޮތީ ކޮން މަގެއްތޯ ކުރެވޭ ސުވާލު، ބޮޑު ސުވާލެއްގެ ގޮތުގައި ކިޔުންތެރިންނަށް މި ވަގުތަށް ދޫކޮށްލަމެވެ.

 

މަޢުލޫމާތުގެ މަސްދަރު: މާސާ.ކޮމް

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here