ގަނާ ކުރުމުގެ ތިން ބާވަތާއި ބެލެނިވެރިން މިކަން ހައްލުކުރަން ކުރެވިދާނެ ބައެއް ކަންކަން

ދުވަސް އެމްވީ

ދަރިއަކު ބަލާ ބޮޑު ކުރުމުގެ ހުރި ބުރައާއި އުފުލަންޖެހޭ ތަކުލީފު އެނގޭނީ ހަމަ ބެލެނިވެރިއަކަށެވެ. މި ބުރައާއި ތަކުލީފަށް އިތުރު ބުރަކަމަކާއި ތަކުލީފެއް ގެނެސްދެނީ ރާއްޖޭގެ މި ކުޑަ މުޖްތަމައުގައިވެސް ބޮޑުތަނުން އާންމުވެފައިވާ ގަނާ ކުރުމުގެ މައްސަލައެވެ.

މިއަދަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަސްކަމުގައިވާއިރު ދުވަހުން މި ބަލައިލަނީ މި ލިޔުން މެދުވެރިކޮށް ބެލެނިވެރިންނަށް ގަނާ ކުރުމާއި ބެހޭގޮތުން ކުޑަ މައުލޫމާތުކޮޅެއް ގެނެސްދެވޭތޯއެވެ. އާދެ، ގަނާ ކުރުމުގެ ތިން ބާވަތާއި ބެލެނިވެރިން މިކަން ދެނެގަނެ ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

01 – ފިޒިކަލް ބުލީއިންގް (މިއީ އަލާމާތްތައް ބޭރުފުށުން ފެންނަ ޒާތުގެ ގަނާކުރުމޭ ބުނެވިދާނެއެވެ.)

މިއީ ގަނާ ކުރުމުގެ އެންމެ އާއްމު ބާވަތެވެ. ގިނަފަހަރަށް މިފަދަ ގަނާކުރުން އަންނަނީ، ގަނާ ކުރާ ކުއްޖާ ސައިޒުން ބޮޑުވެފައި، ވަރުގަދަ ވެފައި، ވަރުދެރަ ނުވަތަ ސައިޒުން ކުޑަކޮށް ހުންނަ ކުއްޖާ އަށް ކުރާ ގަނާ ކުރުމެވެ. އަތުން ޖެހުމާއި، ކޮޅުފައިން ޖެހުމާއި، ގޮށްމުށުން ޖެހުމާއި ފައި އަޅުވާ ވައްޓާލުމާއި ކުރިއަށްދާން ހުރސް އެޅުމާއި އިސްތަށިގަނޑަށް ދެމުން މިފަދަ ގަނާ ކުރުމުގެ ތެރޭގައި ހިމެނެއެވެ. އަތްލާން ނުޖެހޭ ތަނެއްގައި އަތްލުންވެސް މި ބާވަތުގެ ގަނާ ކުރުމުގެ ތެރޭގައި ހިމެނެއެވެ.

މި ބާވަތުގެ ގަނާކުރުން ދެނެގަންނާނީ ކިހިނެއް ؟

ގިނަ ހާލަތްތަކުގައި މި ބާވަތުގެ ގަނާ ކުރުމުގެ ޝިކާރައަކަށްވެފައިވާ ކުއްޖާ ދެނެގަންނާކަށް މާ އުނދަގުލެއް ނުވެއެވެ. ތަނެއް ލޭފައި ގެންފައި ހުރިތޯ ބެލިދާނެއެވެ. ތަނެއް ކަނޑައިގެން ގޮސްފައި ނުވަތަ ހަން މަށައިގެން ގޮސްފައި ހުރިތޯ ބެލިދާނެއެވެ. އެ ކަމެއް މެދުވެރިވީ ކީއްވެކަން ދަރިއަށް ބުނެނުދެވޭނަމަ އެއީ ގަނާ ކުރުމުގެ ޝިކާރައަށްވެފައިވާކަމުގެ އަލާމަތެއް ކަމުގައި ބެލެވިދާނެއެވެ.

ހައްލުކުރަން ހަދާނީ ކިހިނެއް ؟

މި ބާވަތުގެ ގަނާގެ ޝިކާރައަކަށް ވާ ކުއްޖާ އާންމުގޮތެއްގައި މަދަރުސާއަށް ނުދާން ބޮޑާ ހާކާނެއެވެ. ބަނޑަށާއި ބޮލަށް ތަދުވާ ކަމުގެ ކުއްލި ބަހަނާތައް ދައްކަން ފަށާނެއެވެ. މިފަދަ އަލާމާތްތައް ފެންނަ ނަމަ އިތުރަށް ދެނެގަންނަށް މަސައްކަތް ކުރެވިދާނެއެވެ. ސީދާ ގަނާ ކުރުމުގެ ވާހަކައިން ފެށުމުގެ ބަދަލުގައި އާއްމު ވާހަކަ ތަކަކުން ފެށިދާނެއެވެ. އަދި ހުދު ބެލެނިވެރިޔާގެ ދިރިއުޅުމުގައި ދިމާވެފައިވާ ގަނާ ކުރުމުގެ މައްސަލައެއް ވާނަ އެ މިސްރާބަށް ވާހަކަ ގެންދެވިދާނެއެވެ. އަދި އެފަދަ ކަންކަމާ ކުރިމަތިލާން ކުރެވިދާނެ ކަންކަން ބުނެދެވިދާނެއެވެ. އެފަދަ ކަންކަމުގައި ތިމާ އަމިއްލައަށް ކުރިމަތިލުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ ދަރި އެކަމަށް ތައްޔާރުކޮށް ގަނާ ކުރުމާއި ދެކޮޅަށް ތެދުވުމުގެ ރޫހު ދަރީގެ ކިބައިގައި އަށަގެންނެވުމެވެ. އެކަމާއި ދެކޮޅަށް ކުރެވިދާނެ ކަންކަން ބުނެދެވިދާނެއެވެ.

އެހެންނަމަވެސް ގަނާކުރުން ތަކުރާރުކޮށް ކުރިއަށްދާކަން ފާހަގަކުރެވޭނަމަ އެކަން ސްކޫލުގެ ކްލާސް ޓީޗަރު  ނުވަތަ ޕްރިންސިޕަލްގެ ސަމާލުކަމަށް ގެނެވިދާނެއެވެ.

02 – ވާބަލް ބުލީއިންގް (މިއީ ބިރުދައްކާ ޒާތުގެ ގަނާކުރުމޭ ބުނެވިދާނެއެވެ.)

މި ބާވަތުގެ ގަނާ ކުރުމުގައި އާންމުގޮތެއްގައި ކުއްޖާއަށް ބިރުދައްކާ އިންޒާރު ދީ ހަދައެވެ. ޒާތްޒާތުގެ ވަނަމުން ކިޔާ، ގޮވާ ހަދައެވެ. ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ހަދާނެއެވެ. ބަސް ބަސް ބުނުމުގައި އެކުއްޖާ ހުންނަ ގޮތަށް ފާޑުކިޔުމާއި، ބުރުގާ އަޅާ ކުއްޖެއް ނަމަ އެފަދަ ކަންކަންމަށް ފާޑުކިޔުން ހިމެނެއެވެ. އަދި ވާހަކަ ދައްކާ ގޮތަށާއި ހިނގާ ގޮތަށް އަދި ހުންނަ ގޮތަށް ހަޖޫ ޖަހާ ދިމާކޮށް ހަދައެވެ.

ވާބަލް ބުލީއިންގް ގެ ޝިކާރައަކަށްވެފައިވާ ކުއްޖާ ދެނެގަންނާނީ ކިހިނެއް ؟

މި ބާވަތުގެ ގަނާކުރުން ދެނެގަންނަން، ފިޒިކަލް ބުލީއިންގް ހާ ފަސޭހަ ނުވެދާނެއެވެ. މާ ބޮޑެތި އަލާމާތްތަކެއްވެސް ނުފެނިދާނެއެވެ. ނަމަވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ގަދަރު ދަށްވާކަން ފާހަގަ ވާނަމަ އަދި މާ ގިނައިން “މޫޑީވެ” “ސެންސިޓިވް” ވާނަމަ މިއީ މިފަދަ ގަނާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ހައްލު ކުރާނީ ކިހިނެއް ؟

އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ގަދަރު އިތުރުކޮށްދޭން މަސައްކަތް ކޮށްދިނުމެވެ. “މޯޓިވޭޓް” ކުރުމެވެ. އަދި އެފަދަ ބަސްބަހާއި އިންޒާރުތަކާއި ކުރިމަތިލުމުގެ ހިއްވަރާއި ބުންވަރު ކުއްޖާއަށް ދިނުމެވެ. ނޫން ނަމަ ވާބަލް ބުލީއިންގް އާއި ގުޅޭގޮތުން ކައުންސެލިން ދެވިދާނެއެވެ. ރާއްޖޭގައިވެސް މިހާރު ކައުންސެލިން ދޭ ތަންތަން އެބަހުއްޓެވެ. ނަމަވެސް މިފަދަ ގަނާ ކުރުމުގެ ކަންކަންވެސް މާ މައްޗަށް ދާނަމަ ސްކޫލުގެ މެނޭޖްމަންޓާއި ހަމައަށް މައްސަލަ ގެންދެވިދާނެއެވެ.

03 – ސައިބަރ ބުލީއިންގް (އިންޓަނެޓް މެދުވެރިކޮށް ގަނާކުރުން)

މިފަދަ ގަނާކުރުން ދިވެހި މުޖްތަމައުގައި މިހާރު ގިނަ ކަމުގައި ފާހަގަ ކުރެވިދާނެއެވެ. ސަބަބަކަށް ވެފައި އޮންނަނީ ދަރިވަރުންވެސް ސޯޝަލް މީޑިއާ ބޭނުންކުރުމާއި ސްމާޓް ފޯނު ބޭނުން ކުރާކަމެވެ. އަދި ދިރާސާތަކުން ދައްކާފައިވާގޮތުގައި ދަރިވަރުން އެންމެ ގިނައިން އަމިއްލައަށް މަރުވުމުގެ މައްސަލަތައް އައިސްފައި ހުންނަނީ މިފަދަ ގަނާ ކުރުމުގެ ސަބަބުންނެވެ.

ބްލޫ ވޭލް ކިޔާ ގޭމަކާއި މޯމޯ ޗެލެންޖެ ކިޔާ ޗެލެންޖެއްގެ ވާހަކަ ކޮންމެވެސް މިންވަރަކަށް ބެލެނިވެރިންނަށް އަޑު އިވިފައި އޮވެދާނެއެވެ. މިއީ ދުނިޔޭގައި ސައިބަރ ބުލީއިންގައި އެންމެ ކުރީގައި އުޅޭ ބައެއް ސޮފްޓްވެއަރ ނުވަތަ ޕްރޮގްރާމް ނުވަތަ ގޭމޭވެސް ބުނެވިދާނެއެވެ. ސައިބަރ ބުލީ ކުރުމުގައި އިންޓަނެޓް މެދުވެރިކޮށް އިންޒާރު ދިނުމާއި، ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕޯސްޓްތަކަށް “ނެގަޓިވް” ކޮމެންޓް ކުރުމާއި، މަތީގައި އެވާ ވާބަލް ބުލީއިންގައި ހިމެނޭ ކަންކަން އީމެއިލާއި ފޭސްބުކް މެސެޖާއި ސޯޝަލް މީޑިއާ ޕޯސްޓްތައް މެދުވެރިކޮށް ދެމުން ގެންދެއެވެ.

ސައިބަރ ބުލީއިންގް ދެނެގަންނާނީ ކިހިނެއް ؟

ދަރިން އިންޓަނެޓު ބޭނުންކުރަނީ ކިހާ ވަގުތަކުތޯ ބެލެނިވެރިން ބަލަން ޖެހެއެވެ. އަދި އާއްމު ނޫން ވަގުތުތަކުގައި އިންޓަނެޓު ބޭނުން ކުރާނަމަ (މިސާލަކަށް ދަންވަރު ވަގުތު) އަދި މާ ގިނަ ވަގުތު އިންޓަނެޓް ބޭނުން ކުރާނަމަ، އަދި ދަރި ނިދަން އުނދަގޫވެގެން އުޅޭނަމަ، އަދި ބޭރަށް ނުނިކުމެ އަބަދު ގޭގައި ހުންނަން އުޅޭނަމަ މިއީ ސައިބަރ ބުލީގެ އަލާމާތްތައް ކަމުގައި ބެލެވިދާނެއެވެ.

ހައްލުކުރާނީ ކިހިނެއް ؟

ދަރި، ސައިބަރ ބުލީގެ ޝިކާރައަކަށް ވެފައިވާކަމުގައި ގަބޫލުކުރެވޭނަމަ އިންޓަނެޓް ސޭފްޓީ ވަރުގަދަ ކުރެވިދާނެއެވެ. ޕޭރެންޓަލް ކޮންޓްރޯލް ސޮފްޓްވެއަރ އެއް ބޭނުންކުރެވިދާނެއެވެ. އަދި ސައިބަރ ބުލީ ކުރާނަމަ އެފަދަ ކަންކަން ބެލެނިވެރިޔާ ގާތު ބުނެދިނުމަށް ނަސޭހަތްތެރިވެވިދާނެއެވެ. އެފަދަ ފަރާތްތައް ބްލޮކް ކުރުމަށް ހިތްވަރު ދެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here