ނަސްރީގެ އެނބުރި އައުން ތަފާތު. ވެސް ހޭމް އިން އާސެނަލް ބަލިކޮށް

މުހައްމަދު ޝާހީން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ވެސްޓް ހޭމް އިން 1-0 ގެ ނަތީޖާއިން އާސެނަލް ބަލިކޮށްފިއެވެ. ވެސްޓް ހޭމްއާ އަލަށް ގުޅުނު އާސެނަލްގެ ކުރީގެ ތަރި ސަމީރް ނަސްރީ ވަނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ވެސްޓް ހޭމްއާއެކު ޕްރިމިއާ ލީގުގައި އަލުން ވިދާލުމުގެ އުންމީދުގައި ހުރި ނަސްރީ ކުޅުމުގެ ތެރެއަށް މި އައީ މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ޑިސެމްބަރު 2016 ގައި އައި 18 މަސް ދުވަހުގެ ސަސްޕެންޝަނަށް ފަހުގައެވެ.

މިރޭ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގައި، މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ވެސްޓް ހޭމްގެ ޑެކްލާން ރައިސް ކާމިޔާބު ކުރިއިރު، މި ލަނޑު ޖެހުމަށް މަގުފަހި ކޮށްދިނީ ނަސްރީއެވެ.

އަނެއްކޮޅުން، ވެސްޓް ހޭމް ދޫކޮށް ޗައިނާ ލީގަށް ބަދަލުވާން އުޅޭކަމަށް ބެލެވިފައިވާ މާކޯ އާނަޓޮވިކް ވަނީ، ދެ ވަނަ ހާފުގައި ގެނައި ބަދަލަކާއެކު ދަނޑުން ފައިބަމުން ސަޕޯޓަރުންނަށް އަތުން ހަނާއަޅާފައެވެ. ބެލެވޭ ގޮތުގައި މިއީ އޭނާ ވެސްޓް ހޭމްގެ ސަޕޯޓަރުންނަށް ރައްދުކުރި ވަދާއީ ސަލާމެކެވެ.

އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު 5 މެޗުން އެންމެ މޮޅެއް ވެސް ހޯދިފައި ނުވާ އާސެނަލްއަށް މިރޭގެ މެޗުގައި މާކަ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. އެ ޓީމު މި ވަގުތު ލީގު ތާވަލުގެ 5 ވަނައިގައި އޮތްއިރު، މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here