މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް 12.6 ބިލިއަން ރުފިޔާ

އީމާ ވަހީދު

މި ނިމިގެން ދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ޓެކްސްގެ ގޮތުގައި، 12.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތަށް 2018 ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދަކީ 2017 ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދަށް ވުރެ 6.58 އިންސައްތަ އިތުރު އަދަދެކެވެ. މިނިމިގެން ދިޔަ އަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދަލުން ނެގި ޖީއެސްޓީ އިންނެވެ. މިގޮތުން މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގައިގެން ސަރުކާރަށް 7.68 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މިނިމިގެން ދިޔަ އަހަރުގެ ފަހު މަސް ކަމަށްވާ، ޑިސެމްބަރު މަހު ތެރޭގައި ދައުލަތުން ވަނީ 1.4 ބިލިއަން ރުފިޔާ ބަލައިގަންފައި ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިއަދަދަކީ މީރާއިން ޑިސެމްބަރު މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ އެއް އިންސައްތަ ދަށް އަދަދެކެވެ. އަދި މީރާއިން ލަފާކުރި ވަރާއި ޑިސެމްބަރު މަހު ޓެކްސްގެ އާމްދަނީ އެއްވަރު ނުވެ ދަށްވީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ ޓެކްސް ފައިސާ ފުރިހަމައަށް ނުލިބޭތީއެވެ.

ޑިސެމްބަރުމަހުގެ މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ %43.9 ނުވަތަ 630.2 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ އާމްދަނީގެ %24.5 ނުވަތަ 352 މިލިއަން ރުފިޔާއެވެ.

ޑިސެމްބަރު މަހު މީރާއަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ އުޅެނީ 65 މިލިއަން އެމެރިކާ ޑޮލަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here