ފޮޓޯ: ރައީސް އޮފީސް

މާލީ ބަޔާން: ރައީސް ސާލިހްގެ މިލްކިއްޔާތުގައި ހަމަ އެކަނި ބަންޑާރަ ގޯއްޗެއް

ދުވަސް އެމްވީ

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް މިއަދު ހާމަ ކުރައްވައިފިއެވެ.

މިކަން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އިތުރުން، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައި ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައްވެސް ވަނީ ހާމަ ކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ މާލީ ބަޔާނަށް ބަލާލާއިރު ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މުސާރައާއި އެލަވަންސްގެ ގޮތުގައި 1,532,680.00 (އެކެއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާ) ލިބިފައިވާކަމަށް ބަޔާންކުރައްވާފައިވެއެވެ.

މިލްކިއްޔާތުގައި ހުރި މުދަލުގެ ގޮތުގައި ބަޔާންކުރައްވާފައިވަނީ އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރުން ބަންޑާރަ ގޯއްޗެއް އެކަންޏެވެ.

ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here