ގިނަ ސުކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކޮށްފި

އީމާ ވަހީދު

އަންނަ އާދިއްތަ ދުވަހު ދިރާސީ އައު އަހަރު ފެށިގެން ދާއިރު 100އަށް ވުރެ ގިނަ ސުކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނެހެން ހަދައިފިއެވެ.

ސުކޫލުތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތެކެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުގައި އެއް ދަންފަޅިއަށް ކިޔަވައިދެމުން ދިޔަ ސުކޫލުތައް ވެސް އަލުން ކުރިން އޮތްހެން ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރިއެވެ.

އެހެންނަމަވެސް ރައީސް އިބްރާހިމް ސޯލިހް ވެރިކަމަށް ވަޑައިގަންނަވާ އަނެއްކާވެސް ސުކޫލުތަކުގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނެހެން ހެދުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ސުކޫލުތަކުގެ އޮޑިޓް ހަދައި އެއްދަންފަޅިއަށް ކިޔަވައިދެވޭނެ އިންތިޒާމްތައް ގާއިމް ކުރުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މީޑިއާތަކާއ ބައްދަލު ކުރައްވައި ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މުޅި ރާއްޖެ ހިމެނޭހެން 134 ސުކޫލެއްގައި ކިޔަވައިދެނީ އެއްދަންފަޅިއަށް ކަމަށެވެ. ބަކީ 79 ސުކޫލުގައިވެސް އެއްދަންފަޅިއަށް ކިޔަވައިދޭން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

އެެއްދަންފަޅިއަށް ކިޔަވައިދޭން އަލަށް ފަށައި ސުކޫލުތަކަކީ ކޮން ސުކޫލު ތަކެއް ކަމެއް އަދި އެޑިއުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. ބަކީ އެއްދަންފަޅިއަށް ބަދަލު ނުކުރެވި ހުރި ސުކޫލުތައްވެސް ކުރަންޖެހޭ ދިރާސާތައް ކޮށްފައި އެއްދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here