ނުގަވައިދުން މީހުން ހައްޔަރު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރާ އދ.ގެ ގްރޫޕް (ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން) އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަންދުގެ މައްސަލަ ހުށަހަޅަން އެ މަނިކުފާނުގެ ގާނޫނީ ޓީމުން ނިންމައިފި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދުގެ ބަންދުގެ މައްސަލަ އެ ގްރޫޕަށް ހުށަހެޅުމުގެ މަސައްކަތް ރައީސް ނަޝީދުގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންނެވި ބައިނަލް އަގުވާމީ ވަކީލުން ފަށްޓަވާފައިވާ ކަމަށެވެ. އޭނާ ވިދާލުވީ މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ އެ ގްރޫޕަށް ހުށަހެޅުމަށް ކަމަށާއި ނަމަވެސް ހުށަހެޅޭނެ ވަކި މުއްދަތެއް ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ބައިނަލް އަގުވާމީ ވަކީލުން ކޮންޓްރެކްޓަކާ އެކީ މަސައްކަތް ކުރައްވަން ފެއްޓެވީ އިއްޔެގައި ކަމަށެވެ.
ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ، ޖެރެޑް ޖެންސަރ، ބެން އެމާސަން (ކިއު.ސީ) އަދި އަމާލް ކްލޫނީ އެވެ.
ޖެރެޑް ޖެންސާއަކީ ސިޔާސީ ކުށްވެރިން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ފްރީޑަމް ނައުގެ ފައުންޑަރެކެވެ. އަދި ބެން އެމަރސަން (ކިއު.ސީ) އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އޭގެ އިތުރުން އަމާލް ކްލޫނީއަކީ ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އަދި ހިއުމަން ރައިޓްސް ލޯގެ ދާއިރާގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ.
ބައިނަލް އަގުވާމީ ފެންވަރެއްގައި ނަޝީދުގެ މިނިވަންކުރުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ފަށާފައިވާއިރު އެމްޑީޕީން ދަނީ ނަޝީދު މިނިވަންކޮށްދިނުމަށް އެދި ރައީސް ޔާމީނަށް ހުށަހަޅާ ޕެޓީޝަނެއްގައި ސޮއި ކުރަމުންނެވެ.