މެންބަރުން ރައްޔިތުންނާ ބައްދަލު ނުކުރައްވާނަމަ މުސާރައިން ކެނޑޭނެ: ރައީސް ނަޝީދު

މަރިޔަމް ޝަމީލާ

އަންނަ ރައްޔިތުން މަޖިލީހަށް ހޮވި ވަޑައިގަންނަވާ ކޮންމެ މެންބަރަކު ހަފުތާއަކު އެއްފަހަރު އޭނާގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވަންޖެހޭ ގޮތަށް އެކަން މަޖުބޫރުކޮށް، އެގޮތަށް އަމަލު ނުކުރާ މެންބަރުންގެ މުސާރައިން ކެނޑޭގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ މުހައްމަދު ނިހާދުގެ ޕްރައިމަރީ ކެމްޕޭން އިފްތިތާހު ކުރުމަށްރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، މަޖިލިސް 19 ވެގެންދަނީ ނަޒާހާތްތެރި މަޖިލީހަކަށް ކަމަށާއި، މަޖިލިސް 19ގައި މެންބަރުންގެ މާލީ ބަޔާން ހާމަ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލިސް 19 ގައި ވޯޓު ނުވިއްކާނެ ކަމަށާއި، މެމްބަރުން ޕާޓީ ބަދަލު ނުކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“މަޖިލިސް 19ގެ މެންބަރުން މަދުވެގެން ހަފުތާއަކު އެއްފަހަރު އެމީހުންގެ ރައްޔިތުންނާ ބައްދަލު ކުރާނެ، މަޖިލީހުގެ ހިންގާ ގަވާއިދު ބިނާވެފައި އޮންނާނީ، މަޖިލީހުގެ މެންބަރުންނަށް މިދެންނެވި މަސައްކަތް ކުރުމަށް މަޖުބޫރުވާ އުސޫލަކަށް، މަޖިލީހު މެންބަރުންގެ މުސާރަ ބިނާވެފައި އޮންނާނީ އެމީހުން ދާއިރާއަށްކުރާ ދަތުރާ ވެސް ގުޅިފަ، އެއީ މަޖިލީހުގެ މަސައްކަތަކީ، އެމަސައްކަތަށް ނުގޮސްފިނަމަ މަޖިލިސް 19 ކަނޑައެޅިގެންދާނީ މުސާރައިން ކެނޑޭބާވަތުގެ ސަލާމެއް ބުނީ ކަމަށް،” ނަޝީދު ވިދާޅުވި އެވެ.

އަންނަ މަޖިލިސް ތަފާތު ވާނެކަމަށާއި، މަޖިލިސް 19 ވެގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުންގެ ހާލު ގާތުން ބަލާނެ މަޖިލީހަކަށް ކަމަށްވެސް އެވާހަކަ ފުޅުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ.

އަދި މަޖިލީސް 19ގައި، އެމަޖިލީސް މެދުވެރިކޮށް ގަން އެއާޕޯޓު ތަރައްގީ ކޮށް، ބައިނަލް އަގްވާމީ އެއާޕޯޓަކަށް ހެދުމަށް އަމާޒު ހިފަން ޖެހޭނެ ކަމަށާއި، އެ އެއާޕޯޓަކީ ވެސް އެއް މިލިއަން ފަތުރުވެރިން ޖައްސާ އެއާޕޯޓަކަށް ހެދުމަށް، އަންނަ މަޖިލީހުން މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here