އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިއެސްއާ ދެކޮޅަށް ސުންނީ މުސްލިމުންގެ ބާރު އޮންނަ އަންބާރު ޕްރޮވިންސްގެ އަންހެން ކަނބަލުންގެ ”ވޮމެން އޮފް ޖަސްޓިސް“ ނަމަކަށް ކިޔާ ގުރޫޕަކުން ނިކުންނަން ތައްޔާރު ވަމުން އެބަ ދެ އެވެ.
50 މެމްބަރުންގެ މައްޗަށް އެކުވެލޭ ކަނބަލުންގެ ގްރޫޕުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތައް ހަދަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ހަތިޔާރު އެއްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މެދުއިރުމަތީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުން އައިއެސްއާ ދެކޮޅަށް ނިކުންނަ އަންބާރު ޕްރޮވިންސްގެ ކަނބަލުންގެ އަމާޒަކީ އަންބާރު ޕްރޮވިންސުން އައިއެސްގެ ވަސްވެސް ނައްތާލުމެވެ.
އޮންލައިން ނޫހެއް ކަމަށްވާ ޕީޔޫކޭ އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި ކަނބަލުންގެ މި ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ ޚަންސާ އަހުމަދު ބުނީ މިހާރު އެ ގްރޫޕްގައި 50 އަންހެން ކަނބަލުން އެބަތިބި ކަމަށާއި ތަމްރީނު ތަކާއި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު އިތުރު ބަޔަކު ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަންބާރު ޕްރޮވިންސްގައި ސުންނީ މުސްލިމުންގެ ބާރު ގަދަ ނަމަވެސް ދެ ފަހަރެއްގެ މަތިން އައިއެސްއިން ވަނީ އެ ޕްރޮވިންސް އައިއެސްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.