ފޮޓޯ: ވަގުތު
ފޮޓޯ: ވަގުތު

ފިލަންވީ ސަބަބެއް ނެތް، އުޅުނީ އަންހެނުން ސަލާމަތް ކުރަން: މަހުލޫފު

ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިތުރުކުރުމުން ފިލަން މަސައްކަތްކުރެއްވި ކަމަށް ފުލުހުން ދެއްކި ވާހަކަތައް އަހުމަދު މަހުލޫފް މިއަދު ދޮގުކުރައްވައިފި އެވެ.

މަހުލޫފު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ރޭ އޭނާ މަސައްކަތް ކުރެއްވީ ފުލުހުންގެ އަތްދަށުން އަނބިކަނބަލުން ސަލާމަތްކުރައްވަން ކަމަށެވެ. މަހުލޫފު ވިދާޅުވީ ކޯޓުން ނެރުމުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފުލުހުން ފެތުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ކޯޓުން ނުކުމެވަޑައިގެންނެވިއިރު، އަނބިކަނބަލުން ނަޒްރާ ނަސީމްގެ ގައިގައި ފުލުހުން އަތްލައި އަނިޔާކުރަމުން ދިޔަ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ.

”ކްރިމިނަލް ކޯޓުން، ގާނޫނު އަސާސީން ލިބިދީފައިވާ މުޒާހަރާކުރުމުގެ ހައްގު ނިގުޅައިގަނެ މުޒާހަރާއަށް ނުދިއުމަށާއި ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެކީ ނޫޅުމަށް ކުރާ ޣައިރު ގާނޫނީ ޝަރުތުތަކަށް ބޯލަނބައިގެން މިނިވަންވުމަށް ކޮންމެ ޝަރީއަތުގެ މަޖިލީހެއްގައި ވެސް ފުރުސަތު ލިބެ އެވެ.“ މަހުލޫފުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

މަހުލޫފުގެ ބަޔާޏުގައި ވަނީ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ.

މަހުލޫފު އެހެން ވިދާޅުވިކަމުގައިވިޔަސް މަހްލޫފް ފިލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނުގައި، އޭނާގެ އަނބިކަނބަލުންނަށް ފުލުހުން އަނިޔާނުކުރާ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އަނިޔާކުރި ކަމަށް ވިދާޅުވެ މަހްލޫފްގެ އަނބިކަނބަލުން ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *