ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ހޫނުމޫސުމުގެ އަސަރު އެންމެ ބޮޑަށް ފޯރާ ދުވަސްވަރު ކަމަށް ވުމުން ފެން ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އިލްތިމާސްކޮށްފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ފެން ބޭނުންކުރާ މިންވަރު އެހެން ދުވަސްވަރުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތރުވެފައިވާ ކަމަށެވެ. ދިރިއުޅުމުގެ ތަފާތު ބޭނުންތަކަށް ފެން ބޭނުންކުރުމުގައި އިސްރާފުނުކޮށް، ފެން އިގްތިސޯދު ކޮށްގެން ބޭނުންކުރެވޭނެ ގޮތްތަކަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށް އެބަޔާނުގައި ވެ އެވެ.
ފެން ބޭނުންކުރުމުގައި ސަމާލުކަން ދެވިދާނެ ކަންތައްތަކުގެ ގޮތުގައި އެމްޑަބްލިއުއެސްސީން ވަނީ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.
އެގޮތުން ފެން މީޓަރުގެ ޕްރެޝަރު ދައްކުރުމާއި ބަދިގޭގައި ބޭނުންކުރާ ސާމާނު ދޮންނައިރު ހުރިހާ އެއްޗެއް ދޮވެ ނިމެންދެން އިސްކުރު ދޫކޮށްފައި ނުބެހެއްޓުމާއި ފާހާނާގައި ފެން ބޭނުން ކުރާއިރު ވީހާވެސް މަދު މިންވަރަކަށް ފެން ބޭނުން ކުރުމުގެ އިތުރުން ކުޑަކުދިން ފެން ބޭނުން ކުރުމަށް އެކަނި ދޫކޮށްނުލުން ހިމެނެ އެވެ.
މީގެއިތުރުން މަދު އެތިކޮޅެއް ދޮވުމުގެ ބަދަލުގައި ދޮންނަމެޝިނުން ދޮވެވޭ އެންމެ ގިނަ މިންވަރަކަށް ދޮވުމާއި ފެން ބޭނުންކުރުމަށްފަހު އިސްކުރު ރަނގަޅަށް ބަންދުކުރުމާއި ފެން ލީކިވުމުގެ މައްސަލައެއް ހުރިތޯ ގަވާއިދުން ބެލުމުގެ އިތުރުން ބޯން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތަށްޓަށް ފެން ނޭޅުން ފަދަ ކަންކަން ފެން ބޭނުންކުރުމުގައި ސަމާލުކަން ދެވިދާނެ ކަންތައްތަކުގެ ގޮތުގައި އެމްޑަބްލިއުއެސްސީން ފާހަގަކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް މާޗް މަހާއި އެޕްރިލް މަހަކި އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސް ވަރެއްކަމަށެވެ.