ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ގާނޫނު އަސާސީއާ މަޖިލީހުގެ ގަވައިދާއި އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެއްޖެ އެވެ.
މަޖިލީހާއި މީޑިއާ ތަކާއި ދެމެދު ރަނގަޅު ގުޅުމެއް ބޭއްވުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައި ދެއްކެވި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ ގަވާއިދާ އެއްގޮތަށް ކަމަށާއި، އެންމެ މީހަކު ގަވާއިދާ ހިލާފު ވުމަކީ މުޅި މަޖިލީސް ގަވާއިދާ ހިލާފުވުން ނޫން ކަމަށެވެ. މަސީހު ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ހެދިފައި އޮންނަ ގޮތުން، ޖަލްސާތަކުގައި ކަންކަން ކުރިޔަށް ގެންދާނެ ގޮތް ނިންމާނީ މަޖިލީހހުގެ ރިޔާސަތުން ކަމުން ރިޔާސަތުން ކަންކަން ނިންމުމުގައި ބަލަނީ މެޖޯރިޓީއަށް ކަމަށެވެ.
އެހެން ނަމަވެސް ދުންމާރިއާއި ތާޅަފިލި ބޭނުންކޮށްގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ބައެއް މެންބަރުން ހުރަސް އަޅުއްވާތީ މަޖިލިސް ކުރިއަށް ގެންދަނީ ވަރަށް އުދަގޫ މާހައުލެއްގައި ދަތިގޮތަކަށް މަސީހު ފާހަގަކުރެއްވި އެވެ. މަޖިލީހުގެ ޖަލްސާތަކުގައި ދުންމާރިއާއި ތާޅަފިލި ފަަދަ ތަކެތި ބޭނުންކޮށްގެން މަޖިލީހުގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރައްވަނީ ނިސްބަތުން މަދު މެންބަރުން ކޮޅެއް ކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ އެ ހާލަތުގައިވެސް ގިނަ މެންބަރުން ބޭނުންވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ކަމަށް ވާތީ އެ އުސޫލުން ޖަލްސާތައް ކުރިއަށް ގެންދަނީ ކަމަށެވެ.
އަދި، ސަރުކާރުން ފޮނުވާފައި ހުރި ބިލުތަކަށް ބަހުސް ކޮށްފައި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަޖިލީހުގެ މެމްބަރުންގެ މެޖޯރިޓީ އެދެމުުން ދާހާ ހިނދަކު އެހެން ގޮތެއް ރިޔާސަތަށް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް މަސީހު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މީޑިއާގެ ބޭފުޅުން ވަނީ މަޖިލީހުގެ ތެރެއިން ދިމާވާ ބައެއް މައްސަލަތައް މަޖިލީހުގެ ރައީސާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މީޑިއާތަކަށް މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ވީޑިއޯ ފީޑް ނުލިބުމާއި، މަޖިލީހާއި ގުޅޭ މައުލޫމާތު މަޖިލިސް އިދާރާ މެދުވެރިކޮށް ހޯދަން ދަތިވުމާއި، މިހާރަކަށް އައިސް ނޫސްވެރިން ނުވައްދާ ބައެއް ކޮމިޓީތައް ކުރިއަށް ގެންދިއުމާއި އަދި އެފަދަ ކޮމިޓީތަކުގެ ނިންމުންތައް ތާޒާކަމާއެކު ވަގުތުން ވަގުތަށް ނުލިބޭ މައްސަލަ ފާހަގަކުރެއްވި އެވެ. .
އެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.