އެއް އުރައިގައި ދެ ކަނޑި އަކަށް ހަމަ ނޯވެވޭނެ ހެއްޔެވެ؟

އައިމިނަތު އިނާޔާ

“އެވެނި ގެއެއްގެ މިވެނި މީހަކު ދެ އަންބަށް މީހަކާ އިނދެފިއެވެ.” “އާދަނު ދެ އަންބަށް މީހަކާ އިންނަން އުޅޭތީ ހަސީނާ ކޯޓަށް ފޯމުލައިގެން ވަރި ވެއްޖެއެވެ.” މިހަރަކަށް އައިސް ހާދަ ގިނައިން ކަންފަތަށް އަޑުއިވޭ ވާހަކައެކެވެ. އަޅުގަނޑަކާ ކޮން ބެހޭ ކަމެއްހޭ ހިތައި ބީރު ކަންފަތެއް ދީގެން އަޅައިނުލައި ހިމޭނުން ހުންނާނަމޭ ގަސްތުކޮށްގެން އުޅުނަސް ހުރެވޭ ވަރަށްވުރެ މާ ފޯރިގަދަ ކަމަކަށް މިކަން ވެއްޖެއެވެ. ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. ލޮލުގެ ހިމަކޮޅުން ނަމަވެސް މި ވާހަކައަށް ނަޒަރެއް ދޭން ޖެހިއްޖެއެވެ.

މިހާރަކަށް އައިސް “ދެ އަންބަށް މީހަކާ އިނުން” ގިނަ ފިރިހެނުންގެ ބަކެޓް ލިސްޓުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައިވާކަމީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. އެހެނަސް މިކަން ވެފައިވަނީ އެ ފިރިހެންވެރިންގެ އަނބިންނަށް ގަބޫލު ކުރަންދަތި، ބަރުދާސްތު ކުރަންދަތި ކަމަކަށެވެ. ތެދެކެވެ. ކޮންމެ ދެމަފިރިއަކުވެސް ކައިވެނީގެ މަތިވެރި ގޮށް ޖަހާލަނީ އިންތިހާ ލޯބީގެ ބާރުގަދަ ގޮށަކުންނެވެ. ވީއިރު ބަތްތަށީގެ އެއްފަޅި އެހެން މީހަކާއި ހިއްސާކުރަން ހަމަހިލާ ނޭދެވެނީއެވެ. އެހެނަސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދެއަންބަށް މީހަކާ އިނުމަކީ ފިރިހެނުންނަށް ހުއްދަ ވެގެންވާ ކަމެއްކަމެވެ. މާތްﷲ ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރަށްވާފައި ވަނީ އިލާހީ ޙިކުމަތަކަށް ޓަކައެވެ.  ވީއިރު މާތްﷲ ޙަރާމް ކުރެއްވި އެންމެހާ ކަންތައްތަކުން ރައްކާތެރިވުމަށް ފިރިންނަށް ހިތްވަރުދީ، އެއްބާރުލުންދޭ އަނބިންނަށްވުރެ ލޮބުވެތި އަނބިންނަކީ ފަހެ ކޮބައި ހެއްޔެވެ. ދެވަނަ އަންބަކަށް ފިރިމީހާ އެދޭހިނދު އަނބިމީހާ އެކަމާ އިންކާރުކޮށް ވަރިއަށް އެދުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. އެހެނީ ޝަރުއީ އުޛުރަކާއި ނުލާ ވަރިއަށް އެދުމަކީ ޙަރާމް ކަމަކަށް ވާތީއެވެ. ލޮބުވެތި އުޚްތާއެވެ. “އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނޭ” ބުނުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްގެއް ނޫނެވެ. ވީއިރު އަންހެން ކަނބަލުންނަކީ ފިރިންގެ ލޯތަކުގެ ފިނިކަން ކަމުގައި ވަމާތޯއެވެ. ތިމާ ފަދަ އަނެއް އުޚްތާގެ ބޮލުގެ ތާޖު ވެއްޓުނަ ނުދީ، އެ އުޚްތާގެ ގަދަރު އުފުލައިދޭ އުޚްތަކަށް ވަމާތޯއެވެ.

ތެދެކެވެ. 4 އަނބިންނާ ކައިވެނި ކުރުން ފިރިހެނުންނަށް މާތްﷲ ވަނީ ހުއްދަ ކުރައްވާފައެވެ. މި އުންމަތުގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވި ކީރިތި ރަސޫލާ އަދި އެކަލޭގެފާނުގެ ސަޙާބީން އެއް އަނބިންނަށްވުރެ ގިނަ އަނބިންނާ ކައިވެނީ ބައްލަވައި ގަތެވެ. ކައިވެނި ބައްލަވައި ގަތުމުގައި ދަރިންލިބި އެކަނިވެރިވެފައިވާ ޙާލުގައިތިބި މައިންނާ ކައިވެނި ބައްލަވައިގަތުމަށް އިސްކަން ދެއްވިއެވެ. އެބޭފުޅުން ދަހިވެތިވީ ދުނިޔޭގެ އަރާމާއި ލައްޒަތަކަށް ނޫނެވެ. އެބޭފުޅުން ދަހިވެތިވީ އުޚްރަވީ ޙަޔާތުގައިލިބޭނެ މަތިވެރި ސަވާބާއި ދަރުމައަށެވެ. ލޮބުވެތި އަޚުންނޭވެ. ހަތަރު އަނބިންނާ ކައިވެނިކުރުން މާތްﷲ ހުއްދަ ކުރަށްވާފައި ވީނަމަވެސް ﷲގެ ޙުކުމްތަކާއި ރަސޫލާގެ ސުންނަތުގައި ހިފައިގެން އެކަން ކުރާށެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުން އެދިގެންނެވެ.

13 ކޮމެންޓް

  1. އަޅުގަނޑުވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޗިގަން އިން ބިހޭވިއަލް ސައިންސް އިން ބެޗްލަރސް ޑިގްރީ ހާދާފައެވެ. ޢަޅުގަނޑުގެ ދިރާސާ އިން އެނގުނުގޮތުގައި ދިވެހިއަންހެނުން ވަރަށް ރުޅިއަންނަ އަދި ހަޖަމްނުކުރެވޭފަދަ ކަމެއްކަމުގައި މިކަންވަނީ އެމީހުން ދެކޭގޮތުގައި 1. ޢަންހެނުން އަންހެނުންނަށް އެކަކަށްވުރެ އަނެކަކުގެ މޮޅުކަން ދެއްކުން. ޢަންހެނުންނަކީ އެކަކަށްވުރެ އަނެކަކު މޮޅުވެއްޖެނަމަ ހަސަދަވެރިވާ ބައެއް. 2. އެމީހުންގެ އަގު އެހެން އަންހެނުންގެ ކުރިމަތީގައި ވެއްޓޭކަމަށް ހީވުން. 3 އަންހެން މީހާގެ ޖިންސީ ބަލިކަށިކަން ހުރެގެން ފިރިމީހާ އެހެން މީހަކު ހޯދނީކަަމަށް އެހެންމީހުންނަށް ހީވާނެކަމަށް ގަބޫލުކުރުން. 4. ފިރިހެންމީހާ އިންނަން އުޅެނީ ތިމަންނާއަށްވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަންހެނަކާ ކަމަށް އެހެން މީހުންނަށް ހީވާނެ ކަމަށް ގަބޫލުކުރުން. އަދިވެސް ބައިވަރު ކަންކަން އެބަހުރި. ޢާންމުގޮތެއްގައި ހުޅަނގުގެ ގައުމުތަކަކީ އަންހެނުން ފިރިހެނުންގެ މައްޗަށް ބާރުފޯރުވާ ފިރިހެނުން އަޅުދާސްވެގެން އުޅޭ ބައެއް. މިހާރު ރާއްޖެވެސް މިހިރީ އެހިސާބުގައި.

    • ވާގޮތަކީ ހިސާބަށްވުރެ ތިމާގެ މޮޅުކަން ދައްކަން ދިވެހި ފިރިހެނުން ކުރާކަމެއް އެއީ. ރަސޫލު ބޭކަލުން އެކަން ކުރެއްވި ގޮތަށްކުރާ އެކަކުވެސް މިތާކުން ނުފެންނާނެ. އަނބިމީހާ އަކަށް ވަގުތެއް ނުދެވޭނެ ދަރިންނަށް ހަރަދެއް ނުކުރާނެ ދެމީހުން ހަމަހަމައެއް ނުކުރާނެ. އަބަދު ކޮންމެވެސް އަންހެނެއް ހޯދަން ދުވާނި. ސުންނަތުން ސާބިތުވާ އެތައް ކަމެއްހުރޭ ކުރަން. އެއަކަށް ބެލުމެއް ނޯވެ. އަބަދު ފެންނަނީ 4 އަނބިން ހުއްދަކަން އެކަނި. އެކަންވެސް ރަނގަޅު ގޮތުގައި ކުރާނަމަތާ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here