އާޓްސް ދާއިރާ ކުރިއެރުވުމާއި ތަރައްގީކުރުމާބެހޭ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފުލުހުންގެ ފަރާޓުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެވެ. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ކޮންސަލްޓަންޓް މުހައްމަދު ޝިޔާމެވެ.
އެއްބަސްވުމުގެ ދަށުން ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި ފުލުހުން އާޓްސްގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމަށް ދެފަރާތުން ދެވެން ހުރި އެހީތެރިކަމާއި އެއްބާރުލުން ދޭޏެ އެވެ. އަދި އެ ދާއިރާއިން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދެފަރާތް ގުޅިގެން މަސައްކަތްކުރާނެ އެވެ.
މީގެއިތުރުން މިޔުޒިކް ޕްރެކްޓިސް ރޫމެއް ގާއިމްކޮށް އެތަނުގައި މިޔުޒިކް ޕްރެކްޓިސް ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި ބޭނުންވާ ސާމާނާއި އެހެނިހެން ތަކެތި އެއްބަސްވުމުގެ ދަށުން ހޯދާނެ އެވެ. އަދި ދެފަރާތް ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގައި އިންސާނީ ވަސީލަތްތަކާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ދެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.