ރައީސް މައުމޫން ލިވަޕޫލް މެޗު ބެއްލެވީ ސަޕޯޓަރުންނާއެކު

ދުވަސް އެމްވީ

އިނގިރޭސި ޕްރިމިއަރ ލީގު (އީޕީއެލް)ގައި ލިވަޕޫލާއި މެންޗެސްޓަރ މިރޭ ކުޅުނު މެޗު، ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްލަވާލައްވައިފިއެވެ.

ރައީސް މައުމޫން ލިވަޕޫލް ސަޕޯޓަރުންނާއެކު މި މެޗު ބައްލަވާލައްވާފައިމިވަނީ، ރާއްޖޭގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނަށް އެ ދައުވަތު ރައީސް މައުމޫން ކުރިން ދެއްވުމަށްފަހުގައެވެ. ރައީސް މައުމޫނާއެކު މިރޭ މި މެޗު ބައްލަވާލައްވަން ދުރުވި ލިވަޕޫލްގެ ސަޕޯޓަރުންގެ ތެރޭގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލާއި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުންވެސް ލިވަޕޫލްގެ ބައެއް ސަޕޯޓަރުން ރައީސް މައުމޫނުގެ މި ދައުވަތު ގަބޫލުކޮށް ރައީސް މައުމޫނާއެކު މެޗު ބެލުމަށް ގޮސްފައިވެއެވެ.

މިރޭ ކުޅުނު މި މެޗުން ލިވަޕޫލު މޮޅުވެފައިވަނީ ޔުނައިޓެޑް ކޮޅަށް ތިން ގޯލް ޖަހައިގެންނެވެ.

ސަޕޯޓަރުންނާއެކު ރައީސް މައުމޫން މިރޭ މެޗު ބައްލަވާލައްވާފައިވާއިރު ރައީސް މައުމޫނަކީ ލިވަޕޫލަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި އެކަން ސޯޝަލް މީޑިއާގައި އަބަދުވެސް ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޓްވިޓާގައި ލިވަޕޫލަށް ތާއީދުކޮށް ޓްވީޓް ކުރުމުގެ އިތުރުން ލިވަޕޫލާއި ގުޅޭ ޚަބަރުތައްވެސް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here