ހޯރަ އިއްބެ ހައްޔަރުކޮށްގެން ގެންދަނީ- ފޮޓޯ: ދިއިސްލާމް

ހޯރަ އިއްބެ މިނިވަން ކުރަން ރައީސް ނިންމެވީ އިންސާނިއްޔަތަށްޓަކައި: އެމްޑީޕީ

ދުވަސް އެމްވީ

ހުކުމް ތަންފީޒު ކުރަމުންދިޔަ، އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތަށްޓަކައި ނިންމެވި ނިންމެވި ނިންމެވުމެއް ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.ޕީ.ގެ މެންބަރެއްކަމުގައިވާ އިބްރާހީމް ރަޝީދު ތަންފީޒުކުރަމުން ދިޔަ އަދަބު ލުޔިކޮށްދޭން ރައީސުލްޖުމްހުރިއްޔާ ނިންމެވި ނިންމެވުމަކީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިބްރާހީމް ރަޝީދަށް ލުޔެއް ދޭން ނިންމާފައިވާ ނިންމުން ތަންފީޛުނުކޮށް ރައީސް ޔާމީން ދިގުމުއްދަތަކަށް ހިފަހައްޓައިފައި ވަނިކޮށް، އެނިންމުމަށް ރިޢާޔަތްކުރައްވައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

“2012 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރު ބަދަލުވުމަށްފަހު، އޭރު އުފެދުނު ސަރުކާރުން އެމް.ޑީ.ޕީ.ގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށްގެން، ސެލެކްޓިވް ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގި ޝަރީޢަތްތަކުގެ ތެރޭގައި އިބްރާހީމް ރަޝީދުގެ ޝަރީޢަތް ހިމެނެއެވެ. އަދި، އިބްރާހީމް ރަޝީދުގެ މައްޗަށް ޝަރީޢަތް ހިންގައި ހުކުމްކުރެވިފައިވަނީ އެޝަރީޢަތަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވައިގެންކަމުގައި މިޕާޓީން ދެކެމެވެ. އަދި ހަމަ އެހެންމެ، އޭނާ ހައްޔަރުކުރުމުގައި އާއި ޝާރީޢަތުގައި ހިނގައި ދިޔަ އިޖުރާޢީ ގޯސްތަކަށް ކޯޓުން ރިޢާޔަތްނުކޮށް ދޫކޮށްލައިފައިވަނީވެސް ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ. އިބްރާހީމް ރަޝީދުގެ މައްސަލައާ ގުޅިގެން އޭނާގެ ޢާއިލާއިންވެސް އެކަން އެގޮތަށް ފާހަގަކުރެއެވެ. އިސްވެ ދެންނެވުނު ކަންކަމަށާއި އިބްރާހީމް ރަޝީދުގެ ޙާލަތަށާއި، އެނާގެ ޢާއިލާއާއި ތުއްތު ދަރިފުޅުގެ ޙާލަތަށާއި އަދި މުޅި މިމައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރައްވައި، އިބްރާހީމް ރަޝީދުގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުޔިކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އޮންރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމަކެވެ. އަދި، މިފަދަ ހައްސާސް މައްސަލައެއްގައި، މިފަދަ ދަތި އުދަގޫ ނިންމެވުމެއް، އިބްރާހީމް ރަޝީދުގެ ޢާއިލާގެ ޙައްޤުގައި ނިންމެވިކަމަށްޓަކައި މިޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އޮންރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރުއަދާކުރަމެވެ.” އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުޑަކުއްޖަކު އެއްވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާ ކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް ދިރުއުޅުމުގައި ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ނުހަނު ބޮޑުތި މަސައްކަތްތަކެއް ކުރަންހުރިކަން ފާހަގަކޮށް، އެމައްސަކަތް ކުރުމުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަޤީންކަން އެ ޕާޓީގެ ލޮބުވެތި އެންމެހައި މެންބަރުންނަށާއި ދިވެހި ރައްޔިޔުންނަށް އަރުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here