ރައީސްގެ އިލްތިމާސް: ޅަދަރިންގެ ހިތްތަކުގައި ދީނުގެ ރަނގަޅު މައުލޫމާތު ހަރުލައްވައިދެއްވާ

ދުވަސް އެމްވީ

ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީކަމަށާއި، އެހެންކަމުން ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އިސްލާމީ ޢަޤީދާގެ އެއްބައިވަންތަކަންކަމަށާއި، ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ ވެސް އިސްލާމީ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ ޢާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، ދިވެހިން ނުހަނު ހިތާމަކުރާ ކަމެއްކަމަށާޢި، ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަންޖެހޭކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here