ކޮލަމް ރަށުމީހާ: ހޯރަ އިއްބެއަކީ ސިޔާސީ ކުށްވެރިއެކޯ! ދެން ހެހެހެ…

ރަށު މީހާ

ކޮލަމް ރަށުމީހާ:

އެއީ ރައީސް މުހައްމަދު ނަޝީދުވެސް ހެއްދެވި ގޯހެވެ. ތަފާތު ކުރުން ނައްތާލުމަށް ކަމަށް ބުނެ އައި މީހުން އިންތިހާއަށް ތަފާތު ކުރަން ފެށުމެވެ. ޕާޓީ މީހަކު ކޮށްފިނަމަ ކޮންމެ ކަމެއްވެސް ހަމަ ވަރިހަމަ ވުމެވެ. ކުށްވެރިވާނީ ވެސް އަދި އަދަބު ލިބޭނީވެސް އެހެން ފިކުރުގެ މީހުނަށެވެ. މިއީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަނިޔާވެރިކަމާއި ތަފާތު ކުރުމުގެ ސިޔާސަތާ ދެކޮޅަށް އައި އެމްޑީޕީ ވެރިކަމުން ކަން ކުރިގޮތެވެ.

އޭރު އެ ޕާޓީގެ އިސް ބޭފުޅުންގެ ފޯން ކޯލަކަށް ފުލުހުންގެ ބަންދުގައި ތިބި މީހުން ދޫކުރަން ޖެހިފައި އެބަ ހުއްޓެވެ. ޕާޓީ މީހުންގެ މައްސަލަތައް ނުބަލަން އަންގާފައި އެބަހުއްޓެވެ. 7 ފެބުރުއަރީގައި ފުލުހުން އެމްޑީޕީ ސަރުކާރު ވައްޓާލަން ނުކުންނަން މަޖުބޫރުވި އެއް ސަބަބަކީވެސް އެއީ އެވެ.

މިސަރުކާރަށް ބަލާއިރުވެސް އަނެއްކާވެސް އެ ބިރުވެރި މަންޒަރު ފެންނަން ފަށައިފި އެވެ. ނަޝީދުގެ އަރިސް އަދި އެމްޑީޕީއަށް ނިސްބަތްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގައި ގޯސް ހަދަން ފަށައިފި އެވެ. ފެށުނު ހިސާބަކީ ވޭތުވެދިޔަ ސަރުކާރުގެ އިސްވެރިއަކަށް ހަމަލާދީގެން ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓުގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހާފައިވަނިކޮށް ކުއްލިއަކަށް ދޫކޮށްލަން ޖެހުމެވެ. މާރާމާރީ ހިންގި އެ އެކްޓިވިސްޓު ދޫކޮށްލަން ގޮވާލީ ނަޝީދާއި ޕާޓީގެ އިސްބޭފުޅުންނެވެ.

ދެން އޮތީ މިއަދު މިކުރި ކަންތަކެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އޮށްވައި ފުލުހުން ވަދެ ހައްޔަރު ކުރި އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމެވެ. އޭނާ ހައްޔަރު ކުރީ ގާނޫނީ ގޮތުން ކުޑަކުއްޖަކާއެކު ކައިވެނިން ބޭރުން ބަދުއަހުލާގީ އަމަލު ހިންގަން އޮށްވަ އެވެ. އެވަރުންވެސް އެވީ ސިޔާސީ ކުށްވެރިއަކަށެވެ.

ތެދެކެވެ. އެކަން ކުރީ ރުހިގެންނެވެ. އިއްބެ ފަހުން ވަނީ އެ ކުއްޖާއާ ކައިވެނިވެސް ކޮށްފަ އެވެ. ދަރިޔަކުވެސް އެބަހުއްޓެވެ. އެކަމަކު އެއީ ނުކުރާ ކުށަކަށް ނުވާނެ އެވެ. އެހެންކަމަށް ވާނަމަ މަސްތުވާތަކެތި ބޭނުންކުރާ މީހާ އެއީ ތިމަންނަ އަމިއްލައަށް އަމިއްލަ ނަފްސަށް ދިން ގެއްލުމެކޭ ބުނެ ސަލާމަތް ވެވޭނެ ގޮތް ހަދަން ވީއެވެ. އަމިއްލަ ނަފްސަށް ގެއްލުންދޭ މީހާ ވެސް އެހެން ބަލާނަމަ ކުށްވެރިއެއް ނުވާނެ އެވެ.

ޝައްކެއްނެތެވެ. އިއްބެ މިނިވަނަކަށް އެވީ އޭނާއަކީ އެމްޑީޕީ މީހަކަށް ވީމަ އެވެ. އެކަމަކު ސުވާލަކީ އޭނާގެ އާއިލާއިން އެބުނާގޮތަށް އޭނާ އަކީ ސިޔާސީ ކުށްވެރިއެއްތޯ އެވެ؟ ސިޔާސީ ކުށްވެރިންނަކީ ސިޔާސީ މަގުސަދަކަށްޓަކައި ނާއިންސާފުން ހުކުމްތައް ކޮށްފައިވާ މީހުންނެވެ. އެމީހުން މިނިވަން ކުރުމަކުން ބަޔަކު ކަންބޮޑެއްނުވެ އެވެ. އެކަމަކު ސިޔާސީ ދާއިރާގައި އުޅޭ ކޮންމެ މީހަކު ކުރާ ކުށްތަކަކީ ސިޔާސީ ކުށަކަށްނުވާނެ އެވެ. އެހެން ވާނަމަ ކޮރަޕްޝަން ހުއްދަވާނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ވަރަށް ހަރުކަށި އަދަބު ގާނޫނުންވެސް ކަނޑައަޅާފައިވާ ކުށްތަކެވެ. އެއީ ރައީސުންނަށްވެސް އަދަބު މާފު ކޮށްދިނުމުގެ ބާރު ނުލިބޭ ކުށެކެވެ. އެކަންވެސް ރައީސް ސޯލިހް ކުރެއްވީ ވަރަށް ޒިންމާދާރު ކުޑަކޮށެވެ. އަދަބު މާފު ކޮށްދެވެން ނެތުމުން ތިން ދުވަސް ފިޔަވާ އިތުރު ހުރިހާ ދުވަހެއް މާފު ކޮށްދިނީ އެވެ. ހުކުމުގައި ތަންފީޒު ނުކޮށް އެތައް އަހަރެއް އޮށްވަ އެވެ.

ޕާޓީގެ އެކްޓިވިސްޓުން ދޫކޮށް ތިމާ ފަޅީގެ މީހުން ކުށްނުކުރާ ބަޔަކަށް ހަދާނަމަ ރައީސް ސޯލިހްވެސް ތި ވަޑައިގަންނަވަނީ ނަޝީދާއި ރައީސް އަބްދުﷲ ޔާމީންވެސް ހަމަ ވަޑައިގެން މަގުންނެވެ.

2 ކޮމެންޓް

  1. ޔާމީން ޕާޓި މީހަކަސް ޔާމިން ވަނި ކުއްކުރީމަ އަދަބް ދީފައެވެ. ޢެހެންވިމަ ޔާމިން އަކާ ނަސީދު ތިމަގުން އެއްގޮތް ކުރެވޭކައް ނެތެވެ. ޢެންމެ ބޮޑެތި އަދަބް ތައްވެސް ވަނިީ ޕާޓީ މީހަކައް ނުބަލާ ދީފައެ. ނުދެވެ މީހަކު ހުރެދާނެ. ޢެކަމް އަންނި އެއް ނޯންނާނެ އޭނަ ޕާޓީ މީހަކައް ކުށެއް ކުރިއަސް އަދަބުދިފައެއް. ޢެހެންވީމަ ޔާމީން ވެރިކަން ކުރިގޮތް ހަމަ ސަޅި

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here