ދިވެހި ފުރަތަމަ ވެބް ސީރީޒް، ނަހުލާގެ “ހުވާ” މިރޭ ބައިސްކޯފް އެޕްގައި ފަށާނެ

ދުވަސް އެމްވީ

މިރެއަކީ ރާއްޖޭގެ ތާރީހުގައި ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑު ރެއަކަށް ވެގެންދާނެއެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ 80 އިންސައްތަ ތަރިން ފެނިގެންދާނެ ދިވެހި ފުރަތަމަ ވެބް ސީރީޒް، ޑައިރެކްޓަރު ފާތުމަތު ނަހުލާ އާއި ފިލްމީ ތަރި ފައިސަލް ޑައިރެކްޓްކުރާ “ހުވާ” ބައިސްކޯފް އެޕްލިކޭޝަންގައި މިރޭ ދައްކަން ފަށާނެއެވެ.

ބައިސްކޯފް އެޕްލިކޭޝަނަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ހާއްސަ ކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ގޫގަލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

މިރޭ ދައްކަން ފަށާ ވެބް ސީރީޒް “ހުވާ” ބައިސްކޯފް އެޕްގައި ދައްކަން ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ. 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތަކަށް ފިޓްކޮށްފައިވާ މި ވެބް ސީރީޒްގެ އެޕިސޯޑްތައް ބަލާލާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނީ އިސްތިހާރަކާއި ނުލާ ބަލައިލެވޭކަމެވެ. އަދި ފަހުން ބަލައިލަން އޮފްލައިން މޯޑްގައި ލޯޑުކޮށްލެވޭކަމެވެ.

“ހުވާ” އާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެމުން ޑައިރެކްޓަރު ނަހުލާ ބުނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 09:00 ގައި ބައިސްކޯފުން ބަލާލެވޭނެ ކަމަށެވެ.

“މިއީ ކައްތިރިއަށްފަހު އެންމެ ގިނަ ތަރިން ފެނިގެންދާނެ މިފަދަ ޕްރޮޑަކްޝަން، މީ ސްޓްރީމް ކުރެވޭ ސީރީޒްއެއް ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް ބަލައިލެވޭނެ،ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ބައިސްކޯފް އެޕް ޑައުންލޯޑް ކޮށްލައިގެން ބަލައިލެވޭނެ” ނަހުލާ ބުންނެވެ.

އޯޑިއަންސް ރޮށްވާލުމުގައި ކުޅަދާނަ ޑައިރެކްޓަރު ނަހުލާ ބުނީ މި ފިލްމުގައި ދިވެހި އާއްމު ދިރިއުޅާއި ގުޅޭ ހުރިހާ ރަހައެއް ފެނިގެންދާނެ ކަމަށާއި މިއީ “މަސާލާ” އެއް ކަމަށެވެ. ވެބް ސީރީޒެއްގެ ގޮތުގައި “ހުވާ” ބެލުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ ދިވެހި ފިލްމް އިންޑަސްޓްރީއަށާއި ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ނަހުލާ ފާހަގަކުރިއެވެ.

2 ކޮމެންޓް

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here