އަތޮޅުތެރޭގެ ހަ ރަށެއްގައި މުޅިން އާ ހަ މިސްކިތެއް މިއަހަރު ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ހަ މިސްކިތުގެ މަސައްކަތް ނިންމުމަށް މިއަދު ފަސް ކުންފުންޏަކާއި ހަވާލު ކުރެވިފައިވާއިރު އެ މިސްކިތްތަކަކީ މީގެ ކުރިން މަސައްކަތް ހަވާލު ކުރެވި ނުނިމި ހުރި މިސްކިތްތަކެކެވެ. އޭގެ ތެރެއިން ދެ މިސްކިތެއް މިއަހަރު ރޯދަ މަހުގެ ކުރިން ނިންމަން ކަނޑައަޅާފައިވާއިރު އަނެއް ހަތަރު މިސްކިތް އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރޯދައިގެ ކުރިން ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ ގދ. ދާންދޫގައި އަޅާ 704 މީހުންގެ ޖާގައިގެ މިސްކިތަކާއި ފ. މަގޫދޫގައި އަޅާ 504 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތެވެ.
މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ ގއ. ކަނޑުހުޅުދޫގައި އަޅާ 504 މީހުންގެ ޖާގައިގެ މިސްކިތާއި، ގއ. މާމެންދޫގައި އަޅާ 704 މީހުންގެ ޖާގައިގެ މިސްކިތާއި، ހދ. ކުމުންދޫގައި އަޅާ 504 މީހުންގެ ޖާގައިގެ މިސްކިތުގެ އިތުރުން މ. ކޮޅުފުށީގައި އަޅާ 704 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތެވެ.
އެ ހަ މިސްކިތުގެ މަސައްކަތް ނިންމުމަށް 22 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައި ވެއެވެ.