”އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން“ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާގެ ތެރެއަށް ވަދެ މީހުންނަށް ހަމަލާ ދިން މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެ މީހާ މުޒާހަރާގެ ތެރެއަށް ވަނީ އަލިކިލެގެފާނު މަގާ ހަމައިންނެވެ. ހަމަލާ ދިނުމަށް ފަހު އެ މީހާއަކަށް ނުފިލުނެވެ. މުޒާހަރާގެ ބައިވެރިން އެ މީހާ ހިފަހައްޓައި، ފުލުހުންނާ ހަވާލުުކުރި އެވެ.
މުޒާހަރާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އަލީ ޝިޔާމް ވިދާޅުވީ، މުޒާހަރާ އަށް ވަދެ ހަމަލާ ދިނީ ސަރުކާރުގެ ކޯޑިނޭޓަރެއް ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ޝިޔާމް ވެސް އަދި ފުލުހުން ވެސް ނުބުނެ އެވެ.
އިދިކޮޅޫ ފަރާތްތަކުން ކޮންމެ ރެއަކު ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއަށް ވަދެ ހަމަނުޖެހުން ބަޔަކު އުފައްދަ އެވެ. އިދިކޮޅޫ ފަރާތްތަކުން ބުނަނީ މުޒާހަރާތެރެއަށް ވަދެ ހަމަނުޖެހުން ހިންގާ ހަދަނީ ގްރޫޕުތަކުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ކަމަށެވެ.