ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބަންދުގައި ބަހައްޓާތީ ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެކި ގައުމުތަކުގެ ޕާލަމެންޓޭރިއަނުން ބައިވެރިވާ އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަހުލޫފު ބަންދުގައި ބަހައްޓާފައި ހުންނެވީ އޭނާގެ މައްޗަށް ދައުވާ އެއް ނުއުފުލާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބާރުދޭނެ ދައުވާ އެއް ނެތް ހިނދު އޭނާ ދޫކޮށްލުމަށް ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.
”މަހުލޫފާ ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ނައްތާލައި އޭނާ ގޭބަންދުން ދޫކޮށްލުމަށް ގޮވައިލަމެވެ. އެއީ އޭނާއާއި ދެކޮޅަށް އެފަދަ ފިޔަވަޅު އަޅަން ޖެހޭކަން ސާބިތު ކުރުމަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާތީއެވެ.“ އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.
މަހުލޫފު އެގޮތަށް ގޭ ބަންދުގައި ހުރުމުން މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމުގެ ހައްގާއި ޕާލަމެންޓޭރިއަނަކަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ޕީޖީއޭއަށް އެބަ އޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މަހުލޫފު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ. ހަތަރު ދުވަހު ފުލުހުންގެ ބަންދުގައި ދޫނިދޫގައި ބެހެއްޓުމަށްފަހު، މަހުލޫފު އިއްޔެ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ފަސް ދުވަހަށް ކޯޓުން ކަނޑައެޅި ޝަރުތުތަކަށް އެއްބަސްނުވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.