ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ދެކޮޅަށް ރިޝްވަތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާންއާ ދެމެދު 18 މިލިއަން ރުފިޔާގެ މުއާމަލާތެއް ކޮށްފައިވާ ކަމަށް، ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ގާސިމްގެ ވީޓީވީގެ ޑެޕިއުޓީ ޑިރެކްޓަ އޮފް ޕޮލިޓިކަލް އެންޑް ކަރަންޓް އެފެއާޒް އިކްރާމް އަބްދުއްލަތީފު ދިޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެފަދަ ފައިސާގެ މުއާމަލާތެއް އެ ދެބޭފުޅުން ހިންގާފައިވާ ކަމުގެ ހެކި ހުރި ކަމަށާއި ސާބިތު ކޮށްދެއްވޭނެ ކަމަށް ވެސް އިކްރާމް ވިދާޅުވެފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެ ސިޓީގައި ވަނީ އެއީ ރިޝްވަތުގެ އަމަލެއްތޯ ނުވަތަ ނޯންތޯ ބަލައިދިނުމަށް އެދިފަ އެވެ. އަދި އެއީ ސިޔާސީ ޕާޓީތައް ހިންގުމާއި ބެހޭ ގަވައިދާއި ހިލާފު އަމަލެއްކަމަށް ފެންނާތީ އެކަން ބަލައި ދިނުމަށް އެދޭކަމަށެވެ.
އެ ސިޓީ އާއި ގުޅިގެން އޭސީސީން ބުނެފައިވަނީ އެފަދަ ސިޓީއެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި، ކޮމިޝަނުން އެކަން ބަލާނެ ކަމަށެވެ.
އެރޭ އިކްރާމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝައިހް އިމްރާން ވަނީ އެކަން ދޮގު ކުރައްވާފައި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އަދާލަތު ޕާޓީން ކުރިން ތާާއީދުކުރި ނަމަވެސް އެ ތާއީދު އަނބުރާ ގެނެސް މިހާރު އެ ޕާޓީން މަސައްކަތް ކުރަނީ އިދިކޮޅު ޕާޓީތަކާ ގުޅިގެންނެވެ. ނަމަވެސް މިފަހަކަށް އައިސް ބާއްވާ އެއްވެސް އެއްވުމަކުން ޖޭޕީގެ ލީޑަރު ގާސިމް ނުފެންނަ އިރު އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ރަސްމީކޮށް އެ ޕާޓީ ބައިވެރިއެއްވެސް ނުވެ އެވެ.