މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު މި އަހަރު އޮކްޓޯބަރު މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު 48 ޕަސެންޓް ދައްވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 131.3 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއިން ވަނީ 251.3 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.
ތަފާސް ހިސާބުދައްކާގޮތުން މިދިޔަ އޮކްޓޯބަރު މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ދައްވީ ރާއްޖެއިން އެކްސްޕޯޓް ކުރި ފިނިކުރި ކަޅުބިލަމަހާއި ކަންނެލީގެ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު ދައްވެފައިވާތީ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައި ވަނީ ޔޫއޭއީއަށެވެ. އެއީ 376.5 މިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއަށް އެތެރެކުރި މުދަލުގެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތް ތަކަށެވެ. އެގޮތުން ޖުމްލަ 625.7 މިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައި ވެއެވެ. އަދި ދެވަނައަށް ކާބޯތަކެއްޗަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އިރު ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް އަށެވެ.
ނިމިގެންދިޔަ އޮކްޓޯބަރު މަހު ކަސްޓަމްސް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު އަށް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި 158.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރު އޮކްޓޯބަރު މަހު މި އަދަދުވަނީ 170.8 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމަކީ ސިންގަޕޫރެވެ. އެ ގައުމުން 488 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީ އަށް ލިބުނު އާމްދަނީ ވަނީ އަށް ޕަސެންޓަށް އިތުރުވެފައި އެވެ. އާމްދަނީގެ ގޮތުގައި ކަސްޓަމަށް މިދިޔަ މަހު 170 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 158.3 މިލިއަން ރުފިޔާ އެވެ.