މާލޭ މަގުތަކާ ގޯޅިތަކުގެ ތެރެއިން ބައެއް ސަރަޙައްދުތަކުގައި އެކަށިގެންވާ އަލިކަން ނުހުންނަ ކަމަށް ފާހަގަ ކުރެވޭތީ މަގުތަކާ ގޯޅިތައް އަލިކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއެކު ފުލުހުން މަޝްވަރާ ކޮށްފިއެވެ.
ފުލުހުން ބުނީ ސްޓެލްކޯގައި މިކަމަށްޓަކައި އިއްޔެ އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފުލުހުންގެ ފަރާތުން ސްޓެލްކޯއަށް ހުށަހެޅީ މާލޭގެ މަގުތަކުގެތެރެއިން އަލިކަން އެކަށިގެންވާ ގޮތެއްގައި ނުހުންނަ މަގުތަކާ ގޯޅިތައް މިހާރަށްވުރެ ބޮޑަށް އަލިކޮށް އެފަދަ މަގުތަކާ ގޯޅިތެރޭގައި ހިނގާ ކަންކަން ފަސޭހައިން ރައްޔިތުންނަށް ފެންނާނެ ގޮތަކަށް ހެދުމުގެ މުހިއްމު ކަމާ މެދުގައި ކަމަށެވެ.
”މިބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ސްޓެލްކޯގައި އެދިފައިވަނީ މާލޭގެ ބައެއް ސަރަޙައްދުގެ މަގުތަކާ ގޯޅިތައް އެކަށީގެންވާ ގޮތަކަށް އަލިކަން ލިބިފައި ނުހުންނާތީ އެސަރަޙައްދުތަކުގައި މާރާ މާރީ ހިންގައި އެހެނިހެންވެސް ކުށްތައް ހިންގަން ފުރުޞަތު ބޮޑުވާތީ އެކަމަށް ޙައްލު ހޯދުމަށް އެކި ފަރާތްތަކާއެކު ފުލުހުން މަޝްވަރާ ކުރަމުން ދާކަމަށް، މިކަމަކީ ވީއެންމެ އަވަހަކަސް ހެޔޮ ބަދަލެއް އަންނަން ޖެހޭނެ ކަމަކަށްވެފައި ވަކިން ޚާއްޞަކޮށް ކުށުގެ ނުރަނގަލޫ ޢަމަލުތައް ހިނގާ ސަރަޙައްދު ތަކުގެ ތެރޭގައި އެންމެ ރަނގަޅަށް އަލިކަން ލިބިފައި ނުހުންނަ ސަރަޙައްދުތައް ހުރުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ފުލުހުން ވަނީ މިބައްދަލުވުމުގައި ހާމަކޮށްފަ“ ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ސްޓެލްކޯއިން ފުލުހުންގެ ހުށަހެޅުމާ އެއްގޮތަށް މާލޭގެ މަގުތަކާ ގޯޅިތަކުގެތެރެއިން އަލިމަޑުކޮށް އޮންނަކަމަށް ފުލުހުން ފާހަގަ ކޮށްފައިވާ މަގުތަކާ ގޯޅިތައް އަލި ކުރުމުގެ މަސައްކަތުގައި ސްޓޭލްކޯއިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަން ފާހަގަ ކުރެއްވި ކަމަށެވެ.