ލ.މާބައިދޫ -- ފްލިކާ ފޮޓޯ: މުހައްމަދު އަހުސަން
ލ.މާބައިދޫ -- ފްލިކާ ފޮޓޯ: މުހައްމަދު އަހުސަން

ދަރި މަރާލަން މަންމަ މަސައްކަތް ކުރަނިކޮށް ރައްޔިތުން ނިކުމެ ކުއްޖާ ސަލާމަތްކޮށްފި

ލ.މާބައިދޫގައި ދިރިއުޅޭ އިންޑިއާ އަންހެނަކު އޭނާގެ ދަރިފުޅު މަރާލަން މަރާލަން މަސައްކަތް ކުރަނިކޮށް ރަށު ރައްޔިތުންނާއި ކައުންސިލަރުންގެ މަސައްކަތުން އެ ކުއްޖާ ސަލާމަތްކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް  މެމްބަރު ހަސަން އާދިލް ވިދާޅުވީ އިއްޔެ ހަވީރު 6:00 ހާއިރު ގޭގެ ކޮޓަރިއަކަށް ދަރިގޮވައިގެން ވަދެ އެ ދަރި މަރާލަން މަސައްކަތް ކުރީ އެރަށު މީހަކާ އިނދެގެން އުޅޭ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޖޭސްމީ ކިޔާ އަންހެނެއް ކަމަށެވެ.

”މީހަކު އައިސްބުނީ ޖޭސްމީ އެބަ އުޅޭ ދަރި މަރާލަން ކޮޓަރިއަށް ވައްދާ ތަޅުލައިގެން، ދިޔައިރު އެ ގޭދޮށުގަ ބައިވަރު މީހުން އޮތް، އެއަންހެންމީހާ އަތުގަ ތިލައިގާ އަށް އިންޗި ހުންނަ ވަރުގެ ވަޅި އެއް އޮތް، ވިހަ ބޭހެއް (ރިހާކުރު ބޭސް) ވެސް ގެންގުޅުނު، ދޮރު ހަލާކުކޮށްލަން އުޅުނީމަ ކުއްޖާގެ ކަރުގަ ވަޅި ޖައްސާފަ ކުޑަދޮރުން ދައްކަނީ، އެހެންވެ ދޮރު ހަލާކުކޮށްލައިގެން ވަންނާކަށްވެސް ނުކެރުނު“ އާދިލް ވިދާޅުވި އެވެ.

އެ އަންހެންމީހާ މަރާލަން މަސައްކަތްކުރީ ހަތަރު އަހަރާއި ދެމަހުގެ ފިރިހެން ކުއްޖެކެވެ. އެ އަންހެން މީހާގެ ހަތް އަހަރު ފިރިހެން ދަރިއަކުވެސް ހުރެ އެވެ. އެ ކުދިންގެ ބައްޕަ އުޅެނީ މާލޭގަ އެވެ. އެއަންހެންމީހާ މަސައްކަތްކުރީ ދަރި މަރާލުމަށްފަހު އަމިއްލައަށް މަރުވުމަށް ކަމަަށާއި އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން 15 ވަރަކަށް މިނެޓް ތެރޭގއި އެ ރަށަށް ފުލުހުން ދިޔަ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

އާދިލް އިތުރަށް ވިދާޅުވީ އެކުއްޖާ ސަލާމަތް ކުރެވުނީ ގޭތެރޭގައި މީހަކު ނެތްކަމަށްހިތާ އެ އަންހެންމީހާ ދޮރު ހުޅުވާލުމުން ކުއްލިއަކަށް ކޮޓަރިތެރެއަށް ވަދެ ކަމަށާއި މިހާރު އެ ކުއްޖާގެ ބައްޕަ ފަރާތު އާއިލާ ބަޔަކާ އެ އަންހެންމީހާގެ ދެދަރިން ހަވާލުކޮށްފައިވާކަމަށެވެ.

”އަހަރުމެން އަޑެއް ނީއްވާ މަޑުން ތިބީ، ކުއްޖާއަށް އަނިޔާކުރާތީ ރޯ އަޑުވެސް އިވޭ، މީހަކު ނެތްކަމަށްހިތާ ދޮރު ހުޅުވާލީ، ދެން އެކުއްޖާ ސަލާމަތް ކުރެވުނީ، އެ އަންހެންމީހާ މިހާރު ވާނީ ފުލުހުންނާ ހަވާލުކޮށްފަ، އަންހެން މީހާ ގެންގުޅުނު ވިހަ ބޭސްފުޅީގެ މަތި ނަގާފައި ހުރުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްވެސް ކުރެވުނު، އިރާދަކުރެއްވީތީ ނުރައްކަލެއް ނެތް“ އާދިލް ވިދާޅުވި އެވެ.

އާދިލް އިތުރަށް ވިދާޅުވީ އެ އަންހެންމީހާ ދަރިންނަށް އަނިޔާކުރާ ވާހަކަ އެތައް ފަހަރަކު އެރަށު އާންމު ރައްޔިތުން އެ އަތޮޅު ފޮނަދޫގައި ހުންނަ ޖެންޑާ އޮފީހަށް ހުށަހަޅާ ކަމަށާއި ޖެންޑާގެ ވަފްދެއް މި ހަފްތާގައި އެރަށަށް ޒިޔާރަތްކުރާގޮތަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ފާހާނައަށް ވައްދާ މަރާލަން އުޅުނު ކުއްޖާގެ ކުރިމަތި ފަރާތަށް އަނިޔާދިނުމާއި ދަނޑިބުރިން ތެޅުމާއި މިފަދަ ކަންކަން ”މަންމަ“ ކުރާކަމަށް އެ ކުއްޖާ ކިޔައިދީފައިވާކަމަށްވެސް އާދިލް ވިދާޅުވި އެވެ.

މިކަމާމެދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ބަލަމުން އަންނަކަމަށާއި އެ އަންހެންމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *