ޑޯޓްމަންޑް އިން އެތުލެޓިކޯ ލަދުގަންނަވާލައިފި!

މުހައްމަދު ޝާހީން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ޑޯޓްމަންޑުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ގްރޫޕް އޭ ގެ އެއް ވަނައަށް ޖެހިލައިފިއެވެ.

ލޫސިއަން ފެވްރޭގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ބުންޑަސްލީގާގައި ވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ޑޯޓްމަންޑްއިން ރޭގެ މެޗުގެ ފަހު ހާފުގެ ފަހު 20 މިނިޓުގައި ވަނީ އެތުލެޓިކޯ ކޮޅަށް 3 ލަނޑު ވައްދާލާފައެވެ. އަނެއްކޮޅުން މިއީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީއަށް އެތުލެޓިކޯއާއެކު ކުރިމަތިލާން ޖެހުނު އެންމެ ތަފާތު ބޮޑު ބައްޔެވެ.

ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެމުން ދިޔަ އެތުލެޓިކޯގެ ދިފާއީ ފާރު ޑޯޓްމަންޑަށް ފޫއަޅުވާލެވުނީ މެޗުގެ 38 ވަނަ މިނިޓުގައެވެ. އެލެކްސް ވިޓްސެލް ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ގޯލަށް ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ވަރަށް ބޮޑަށް މިސްރާބު ބަދަލުވެގެންނެވެ.

އެއް ލަނޑު ފަހަތުގައި މެޗުގެ ބޮޑުބައި ހޭދަކުރިއިރު، އެތުލެޓިކޯއިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ނަތީޖާއަކަށްވީ ފަހު ވަގުތު، ޑޯޓްމަންޑުން މެޗު ޑޮމިނޭޓްކޮށް ކައިރި ކައިރީގައި ލަނޑުތަކެއް ޖެހުމެވެ. ފަހު 20 މިނިޓު ތެރޭގައި ޑޯޓްމަންޑް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ރަފައެލް ގުރޭރޯއެވެ. އަނެއް ލަނޑު ޖަހައިދިނީ ސަންޗޯއެވެ.

މި މޮޅާއެކު އެތުލެޓިކޯގެ މައްޗަށް 3 ޕޮއިންޓްގެ ލީޑަކާއެކު ޑޯޓްމަންޑް މި ވަގުތު އޮތީ ގްރޫޕް އޭ ގެ އެއް ވަނައިގައެވެ. ޑޯޓްމަންޑަށް 9 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ގްރޫޕްގައި ދެން އޮތް ދެ ޓީމުކަމަށްވާ މޮނާކޯ އާއި ކްލަބް ބުރޫޖަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްގެން ޑޯޓްމަންޑަށް ދެ ވަނަ ބުރު ޔަގީން ކުރެވޭނެއެވެ.

މި ގްރޫޕްގައި ރޭ މޮނާކޯ އާއި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here