“ އާނ! މާދަމާ ކަންނޭގެ….“ ހަސީނާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ގޯތިތެރެއަށް ވަތް ތަނަވަސް ދޮން އަންހެން މީހާ ފެނުމުން އޭނާގެ ބަސް ހުއްޓުނެވެ. އެއީ ދެބައި އުމުރުގެ ރީތި އަންހެނެކެވެ. ލާފައިވާ ދިގުހެދުމާއި ގުޅޭ ބޮލުފޮތިކޮޅެއް އަޅާފައިއޮތެވެ. އަރާފައިވާ ފައިވާނުގެ ފުންނާބުންވެސް އެއީ މުއްސަންޖެއްކަން ދޭހަވެއެވެ. އޭނާ ފެނުމާ އެކު ހަސީނާގެ އަނގަ ބަންދު ވިކަހަލައެވެ.
“ ނާހިދާ…“ ހަސީނާއަށް ކިޔާލެވުނެވެ.
”ކޮބާތަ އެކުދިންތައް…“ ނާހިދާ ހީލަމުން ބުންޏެވެ.
“ ޝާނީ އެބައުޅޭ ގިފިލީގައި… “ ހަސީނާ މަސައްކަތް ހުއްޓާލިއެވެ. ”ފާއިގު ވީ މިދިމާ އަތިރިމަތީގައި“
”އިށީންނަން ވީނު…“ ޖޯލިފައްޗަށް އަތުން އިޝާރާތްކުރަމުން ހަސީނާ ބުންޏެވެ. ނާހިދާ މުޅި ގޯތިތެރެއަށް ނަޒަރުހިންގަމުން ދިޔައެވެ.
”މިރަށަށް މިއާދެވުނީ ނާންނަތާ 17 އަހަރު ފަހުން…“ ޖޯލީގައި އިށީންނަމުން ނާހިދާ ބުންޏެވެ. ހަސީނާވެސް ޖޯލީގައި އިށީނެވެ.
”އެކުދިން ކޮޅުވެސް މިހާރުތިބޭނި ނިކަން ބޮޑެތިވެފަތާ މިހާރު“
”އާން… ފާއިގު އެއުޅެނި ގުރޭޑް 5ގަ“ ހަސީނާ ބުންޏެވެ. ”ޝާނީވެސް މިހާރު ބޮޑުވެ މީހަކާ އިންނަވަރު ވެއްޖެ…“ އެވަގުތު ޝާނީ ގިފިލީގެ ދޮރުހުޅުވާލިއެވެ. ދެމީހުންނަށް އެކުގައި ބަލާލެވުނީ ގިފިލީގެ ދޮރުން ނިކުތް ޝާނީއަށެވެ. ޝާނީއަށްވެސް ބަލާލެވުނީ އެމީހުންނަށެވެ.
”އެއީތަ އެމަންޖެ…؟“ ނާހިދާ ބުންޏެވެ.
”އާން… އެއީ ޝާނީ…“ ފާޑެއްގެ ރާގަކަށް ހަސީނާބުންޏެވެ. އެއާއެކު ނާހިދާ އިން ޖޯލިން ތެދުވިއެވެ. މަޑުމަޑުން ހިނގާފައި ޝާނީއާއި ދިމާއަށް ދިޔައެވެ. އުފަލުން ހިނިތުންވެފައި ހުރެއެވެ.
“ ޝާނީ…“ އުފަލުން ފެންކަޅިވެފައިހުރެ ނާހިދާ ޝާނީގެ މޫނަށް ބަލާލަމުން ބުންޏެވެ.
ޝާނީ އިނީ ވާނުވާ ނޭގިފައެވެ. މޫނުމަތީގައި ފުނިޖެހިފައިހުރީ ސުވާލު މާކުތަކެކެވެ. އޭނާ އިރުއިރުކޮޅާ ދޮންމަންމަގެ މޫނަށްވެސް ބަލާލައެވެ. މީކާކުހޭ ސުވާލު ކުރާކަހަލައެވެ.
”ތީ ޝާނީގެ ބޮޑުދައިތަ..“ ހަސީނާ ޖޯލިން ތެދުވެ ކުރިއަށް ޖެހިލަމުން ބުންޏެވެ. ނާހިދާއަކީ ޝާނީގެ ބައްޕަ ފިރާގާއި އެއްބަޑު އެއްބަފާ މީހެކެވެ. މާލޭ މީހަކާ އިނދެގެން އޭނާ ދިރިއުޅެމުން ދަނީ މާލޭގައެވެ.
ނާހިދާ ކަޅިޖަހާނުލާ ބަލަމުން ދިޔައީ ޝާނީގެ މޫނަށެވެ. ނާހިދާ ނިޒާމާއި ކައިވެނިކޮށް މާލެ ދިރިއުޅުން ބަދަލުކުރީ ޝާނީގެ އުމުރުން އެންމެ 2 އަހަރުގައެވެ. އޭރު އަބަދު ކަހަލަ ގޮތަކަށް ޝާނީ ގެންގުޅުނީ ނާހިދާއެވެ. އޭނާގެ ހިތުގައި އެމާޒީ ސިގުނަލް ކެނޑިފައިވާ ޗެނަލްއަކަށް ސިގުނަލް ލިބުނުހެން ފެންނަންފެށިއެވެ. ޝާނީ ކުޑަކުޑައިރު އޭނާގެ އަތުގައި ހިފައިގެން ހުރެ ދައްކާ ތުއްތުތުއްތު ވާހަކަތަކެވެ. ”ކޮކީ އެންމެ ލޯބިވަނީ ބޮޑުދައިތަ ދެކެ….“ ޝާނީގެ ތުއްތުތުއްތު އަޑުން އެހެން ބުނި އަޑު ނާހިދާގެ ކަންފަތުގައި ގުގުމައިގަތެވެ. އެއާއެކު އޭނާގެ ލޮލަށް ޖަމާވެފައިވަ ކަރުނަތައް އޭނާގެ ލޮލާ އަލްވަދާއު ކީއެވެ.
”ދަރިފުޅާ…“ ނާހިދާ ޝާނީގެ މޫނުގައި ފިރުމާލިއެވެ. ”ހާދަ ބޮޑުވެއްޖޭ މިހާރު… “ ދެލޯ ކަރުނައިން ފޯވެފައި ނާހިދާ ބުންޏެވެ. ބޮޑުދައިތަ ފެނުމުން ޝާނީ ވަކި އުފަލެއް ނުވިއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އަދިވެސް ހިނގަމުންދަނީ ރޭގެ ކަންތައްގަނޑެވެ.
ގަހުގައި އިން ކާޅު ގޮވާލުމާއެކު ރުކުގައި އިން ކާޅު ގޮވާލިއެވެ. ހީވީ ދޭތި ދޭއްޗަށް ވާދަ ކުރަމުން ގެންދާހެންނެވެ. ޝާނީގެ ނަޒަރު ހުއްޓިފައި ހުރީ ގަހުގައި އިން ކާޅަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން މުޅި ގޯތި ތެރެ ބޮޑު ބަޔަކަށްް އޮތީ ހިޔާވެފައެވެ. މެންދުރު ޚާލިދު ގެއަށް އައީއްސުރެ ހަސީނާ އާއި ޚާލިދު ކުރަމުން ގެންދިޔަ މަސްވަރާ އަދިވެސް ނިމުމަކަށް ނާދެއެވެ. ގަހުގެ ގޮފިގަނޑުގައި އިންކާޅު ހުއްޓާނުލާ ގޮވަމުންދިޔައެވެ.
މިއަދު ހެނދުނު ހަމްޒާވެސް ވަނީ ރަށަށް ފުރާފައެވެ. ފުރުމުގެ ކުރިން ހަމްޒާ ޝާނީއަށް ގުޅޭތޯ އެތަކެއް މަސައްކަތެއް ކޮށްފާނެކަން ޝާނީއަށް އެނގެއެވެ. ނަމަވެސް ރޭގެ ހާދިސާއަށް ފަހު ހަސީނާ ވަނީ ޝާނީގެ އަތުގައި އޮތް ފޯނު އަތުލާފައެވެ. ޝާނީ ކިތައްމެ ބޭނުންވިޔަސް ހަމްޒާއަކާ ބައްދަލުވާނޭގޮތެއް ނޯންނާނެއެވެ. ރޭގެ ހާދިސާގެ ކަންތައް ނޭގޭނެ މީހަކަ މިހިސާބުގައި މިހާރު ހުރިހެނެއް ހީއެއް ނުވެއެވެ.
ހިއްވަރު ކޮށްލާފައި ޝާނީ ގެއިން ނިކުތީ ޓިއުޝަނަށް ދިޔުމަށް ޓަކައެވެ. އޭނާގެ ދަރިވަރުންގެ ޓެސްޓްތައްވެސް އޮތީ ބޯމަތިވެފައެވެ. އޭނާގެ ހަޔާތައް މިހެން ދިމާވާ ކަމަކުން އެކުދިންނަށް އަދަބުލިބިގެން ނުވާނެކަން ޝާނީހަދާނުގައި ބަހައްޓައެވެ. އަނެއްކޮޅުން ދާމަގުމަތީގައި ހަމްޒާގެ ކޮންމެވެސް ޚަބަރެއް ވެދާނެކަމުގައި އޭނާގެ ހިތްބުނެއެވެ.
ގޭގެ ބޭރުގައި ފައިވާން ބެހެއްޓުމަށްފަހު ޝާނީ ގޭތެރެއަށް ވަނެވެ. އެއާއެކު ޝާނީގެ ހިތުގައި އުފެދުނީ ސުވާލުތަކެވެ. އަނެއްކާ މިއަދު ޝާނީ މިއައީ ނުބައި ގަޑިއަކަށް ބާއެވެ. އެއްވެސް ކުއްޖަކު ޓިއުޝަނަށް އައިހެއްނެތެވެ. މީހެއްގެ ހިލަމެއްވެސް ގޭތެރެއިން ފެންނާކަށް ނެތެވެ.
”ރަޒިއްޔައްތާ…“ ޝާނީ އެތެރޭގައި ހުރި ކޮޓަރީގައި ޓަކިޖަހާލަމުން ގޮވާލިއެވެ. “ ރަޒިއްޔާއްތާ.. އީލަމް ނޫޅެނީތަ..“
އިރުކޮޅަކުން ރަޒިއްޔާ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ޝާނީއަށް ފެނުނެވެ.
”އަނެއްކާ…..! ނުބައި ގަޑިއަކަށްތަ މި އާދެވުނީ…“ ހައިރާންވެފައި، ފާރުގައި ބަހައްޓަފައި ހުރި ގަޑިއަށް ބަލާލަމުން ޝާނީ ބުންޏެވެ.
”އީލަމް މީގެފަހުން ޝާނީ ކައިރިން ޓިއުޝަނެއް ނުނަގާނެ…“ ރަޒިއްޔާ ނުރުހިފާ ބުންޏެވެ. “ ޝާނީ އެއްމެ ރަނގަޅުވާނީ މިގެއަށް އިތުރަށް ދެން ނައިއްޔާ…“
“ އެކަމަކު….“ ޝާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ރަޒިއްޔާގެ މޫނަށް ބަލާލިއެވެ.
”އަހަރެން ބޭނުމެއްނޫން ޝާނީ ކަހަލަ ގޮތެއްނެތް….“ ރަޒިއްޔާއަކަށް އެޖުމްލަ ފުރިހަމަ އެއް ނުކުރެވުނެވެ. ރަޒިއްޔާއަށް އަދިވެސް ޒާހިދާ އެދިއްކަ ވާހަކަ ގަބޫލުކުރަން ދަތިވަނީ ކަންނޭގެއެވެ. ކޮންމެ ގޮތެއްވިޔަސްހެވެ. ޢީލަމް މީގެފަހުން ޝާނީ ކައިރިން ޓިއުޝަނެއް ނުނަގާނެއެވެ. އަނިޔާވެފައިވާ ޝާނީގެ ހިތަށް އިތުރު ލޮޅުމެއް އެރިކަހަލައެވެ. އޭނާއަށް ކަންތައް ވީގޮތް ހަމަ ރަނގަޅަށްވެސް ވިސްނިއްޖެއެވެ. އޭނާއަށް އާދޭހުގެ ނަޒަރަކުން ބަލާލެވުނީ ރަޒިއްޔާގެ މޫނަށެވެ. އެއާއެކު ރަޒިއްޔާ ތުން އަނބުރާލާފައި ކޮޓަރިތެރެއަށްވަދެ ބަންލާފައި ދޮރުލެއްޕިއެވެ. އެވަގުތު ޖެހިގެން އިން ކޮޓަރިން އީލަމް ނިކުތެވެ. ޝާނީއަށް ބަލާލެވުނީ އީލަމްގެ މޫނަށެވެ. އީލަމްވެސް ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލަމުން ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. ޝާނީއަށްރޮވެން އުޅުނެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްލާފައި ލޮލުން ފޫދެމުންއައި ކަރުނަތައް އޮއްބާލިއެވެ. އޭނާގެ ތަޤުދީރަކީ މިއީއެވެ.
ގޯތިން ބޭރަށް ނިކުތްއިރު ޝާނީއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާ އިތުރަށް ގެއަށް ދާހިތެއްނުވެއެވެ. ދޮންމަންމަގެ ވަކިތަކުގައިޖެހޭކަށް ބޭނުމެއްނޫނެވެ. އެކަމަކުވެސް އޭނާ ވަކިދާނީ ކޮންތާކަށްހެއްޔެވެ؟ ހަމްޒާގެ ޚަބަރެއް ލިބޭނޭގޮތެއްވެސް އޭނާއަކަށް ނުވިސްނެއެވެ. ކަރުއެލިފައިވާ ޝާނީގެ މިސްރާބުހުރީ ބަނދަރު މައްޗާދިމާއަށެވެ. އެތަނުންވެސް ހަމްޒާއާއި ދިމާވެދާނެކަމުގެ އުއްމީދުގައެވެ.
ދުފާ ތަބަކުން ފޯއްކޮޅެއް ކާލުމަށްފަހު ޚާލިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ މިހާރުގޮތެއް ނިންމައިފިއެވެ. ހަސީނާ ކިތައްމެ ބޭނުންވިޔަސް ހަމްޒާއާއި ޝާނީ ކައިވެނި ކުރާކަށް ޚާލިދަކަށް ނުރުހެވޭނެއެވެ. ހަސީނާގެ މަގުސަދު ޚާލިދަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. އަމިއްލަ ދަރިއެއްނޫނަސް ޚާލިދު އަމިއްލަ ދަރިއެއްފަދައިން ޝާނީ ދެކެ ލޯބިވެއެވެ. ޚާލިދު އިންތިޒާރުކުރަމުން ދިޔައީ ޝާނީ ޓިއުޝަން ނިންމާ ގެއަށް އަންނާނެއިރަށެވެ. އެހެން އޭނާ ޝާނީގެ އިންތިޒާރުގައި އިންނަތާ މިހާރު ކިތައްމެ އިރެއްވެއްޖެއެވެ.
އިރުއޮއްސެނީއެވެ. މާހައުލަށް ވެރިވެފައިވަނީ އޮރެންޖު ކުލައެކެވެ. ތަނަށް ވެރިވެފައި ވަނީ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުގެއަޑެވެ. ޖެހެމުންދިޔަ މަޑުވައި ރޯޅީން، ރުއްތަކުގެ ފަންތައް ހެލިލާވަގުތު އެއުފެދޭ މަޑުމައިތިރި އަޑުއެއަޑުގެ ތެރެއަށް ފޭދިގެން އިވެމުން ދިޔައެވެ. ޝާނީ އިނީ އޭނާގެ ހުސްވަގުތުގެ އެކުވެރިޔާ ކަމުގައިވާ ހިރުނދުގަހުގައި އެލުވާފައި އޮތް ހެއްލާ ޖޯލީގައެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައި ވަޔާވިހުރިލަ ވިހުރިލާހުއްޓެވެ. އޭނާ މިއަދު އުނދޯލި ހެއްލާހިތެއް ނުވެއެވެ. މޫނުމަތިން ފެންނަނީ އެކަނި ވެރިކަމާއި ހިއްދަތިކަމެވެ. ޖޯލީގައި އިށީންދެލައިގެން ބިމުގައި ފައި ހަރުކޮށްލައިގެން އިން އިރު، އޮއްސެން ތައްޔާރުވެފައިވާ އިރުގެ ރަންދޯދިތަކުގެ ސަބަބުން ޝާނީގެ ކޯތާފަތްމައްޗަށް ފައިބަމުންދާ ކަރުނަތައް ވިދަމުންދިޔައެވެ. އިސާހިތަކު އިރުގޮސް ލޮނުގަނޑު ތެރެއަށްވަދެ ގެއްލިއްޖެއެވެ. އެއާއެކު ޝާނީއަށް ލޯ މަރާލެލެވުނެވެ. ހަމްޒާ ގާތުގައި ވާނަމައޭ ހިތާ ކިޔާލެވުނެވެ.
އިރުކޮޅަކުން ޝާނީ ލޯހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނިފައި އޭނާ ކުޑަކޮށް ސިހޭގޮތްވެއްޖެއެވެ. އެއީ މިތަނަށް އައުމަށް އޭނާ އިންތިޒާރުކުރަމުން ދާ މީހާއެއްނޫނެވެ. އެނާ އަވަސް އަވަހަށް ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.
-ނުނިމޭ-