ފަސް މެޗަށް ފަހު ރެއާލްގެ ފުރަތަމަ މޮޅު. ކޯޗަށް އޮތް ޕްރެޝަރ ކުޑައެއް ނުވޭ!

މުހައްމަދު ޝާހީން

ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން 2-1 އިން ވިކްޓޯރިއާ ޕްލެޒެން އަތުން މޮޅު ވެއްޖެއެވެ. މިއީ އެންމެ ފަހު ޗެމްޕިއަނުންނަށް ހުރިހާ މުބާރާތަކުން 5 މެޗަށް ފަހު ހޯދުނު ފުރަތަމަ މޮޅެވެ.

ތަފާތު ބޮޑުކޮށް ރެއާލް މޮޅުވާން ޖެހޭނެކަމަށް ގަބޫލުކުރެވޭފަދަ ޓީމަކާ ދެކޮޅަށް ރޭ އެ ޓީމަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައި ނުވާއިރު، މި މޮޅުން ރެއާލްގެ ކޯޗަށް އޮތް ޕްރެޝަރ ކުޑަވާނެކަމަކަށް ނުބެލެވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ލޮޕެޓެގީއަށް މަގާމުގައި ހުރެވުން ބިނާވެފައި އޮތީ މި އަންނަ އާދިއްތަ ދުވަހު ކުޅޭ އެލް ކްލެސިކޯ މެޗުން ހޯދާ ނަތީޖާއެއްގެ މައްޗަށެވެ.

ޕްލެޒެން އިން ވަރަށް ޑިފެންސިވްކޮށް މެޗު ފެށުމުން ރެއާލްއިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން އެޓޭކްތައް އުފައްދަން މަސައްކަތް ކޮށްފައެވެ. މެޗުގެ ކުރީކޮޅު ރެއާލް ލީޑު ނެގުމާ ގާތަށް ވެސް ދިޔައެވެ. 5 ވަނަ މިނިޓުގައި ސާޖިއޯ ރާމޯސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ. ޕްލެޒެން އިން ވެސް ވަޒްކުއޭޒްއަށް ރަނގަޅަށް ޑިފެންސް ނުކުރެވުމުގެ ފައިދާ ނަގައި ވާއަތް ފަޅިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ.

ރެއާލް އިން ލީޑު ނެގީ މެޗުގެ 11 ވަނަ މިނިޓުގައެވެ. މިއީ ވަޒްކުއޭޒް ނަގައިދިން ހުރަހަކުން ބެންޒެމާ ބޮލުން ޖެހި ލަނޑެކެވެ. ބެންޒެމާގެ ލަނޑަށް ފަހު ލީޑު ފުޅާކުރަން ރެއާލް އިން ފުރަތަމަ ހާފުގައި ކުރި މަސައްކަތް ނާކާމިޔާބު ވިއިރު، އެ ޓީމަށް ދެ ވަނަ ހާފުގެ ކުރީކޮޅު ދެ ވަނަ ލަނޑެއް ޖަހައިދިނީ މާސެލޯއެވެ.

ދެ ލަނޑާއެކު ރެއާލްއިން ހަމަޖެހިލި ނަމަވެސް، މެޗުގެ 78 ވަނަ މިނިޓުގައި ހުރޮޝޮވްސްކީ ޖަހައިދިން ލަނޑަށް ފަހު، ޕްލެޒެން އިން ކުޅުން ރަނގަޅު ކުރިއެވެ. މެޗުގެ ފަހު ވަގުތު އެ ޓީމުން ރެއާލް ހާސްކޮށްލައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ވެސް ދިޔައެވެ.

ރޭގެ މެޗުން އަމިއްލަ ދަނޑުގައި މޮޅުވުމުން، ރެއާލް މި ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ. 2009 ވަނަ އަހަރު އޭސީ މިލާން އަތުން އަމިއްލަ ދަނޑުގައި ބަލިވި ފަހުން ރެއާލް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އަމިއްލަ ދަނޑުގައި ބައްޔެއް ނުވެއެވެ.

ރޭ ގްރޫޕް ޖީ ގައި ރޯމާ ވަނީ މޮސްކޯ އަތުން 3-0 އިން މޮޅުވެފައެވެ. މި ގްރޫޕްގައި މި ވަގުތު ރެއާލް އާއި ރޯމާއަށް 6 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އެއް ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އިން ކުރި ލިބޭތީއެވެ. މޮސްކޯއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ޕްލެޒެންއަށް ވަނީ 1 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މި ގްރޫޕުން އަދި އެއްވެސް ޓީމަކަށް ދެ ވަނަ ބުރުގެ ފުރުސަތު ނުގެއްލެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here