މެންޗެސްޓާއަށް އެނބުރި އައުމަކީ އަހަންނަށް ޚާއްސަކަމެއް: ރޮނާލްޑޯ

މުހައްމަދު ޝާހީން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސްއިން ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، މެންޗެސްޓާއަށް އެނބުރި އައުމަކީ އަބަދު ވެސް ޚާއްސަކަމެއް ކަމަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މެންޗެސްޓާ ޔުނައިޓެޑާއެކު ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް ރޮނާލްޑޯ އާ ކޮށްފައިވާއިރު، ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯ ދުނިޔޭގެ ފުޓްބޯޅައިގައި ވިދަން ފެށީ މެންޗެސްޓާ ޔުނައިޓެޑާއެކުގައެވެ. އެއަށްފަހު 9 އަހަރު ރެއާލްއަށް ކުޅުމަށްފަހު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ މި ސީޒަންގައެވެ.

މިރޭ އޯލްޑް ޓްރޮފޯޑް ދަނޑުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މެންޗެސްޓާއަށް އެނބުރި އައުން ޚާއްސަ ނަމަވެސް، އަމާޒަކީ ޔުނައިޓެޑް ބަލިކޮށް، ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގައި ދަމަހައްޓަމުން އަންނަ 100 އިންސައްތަ މޮޅުގެ ރެކޯޑް ދެމެހެއްޓުން ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގެ ގަދަ ދެ ބާރު މިރޭ ކުރިމަތިލާއިރު، މި ދެ ޓީމު ވެސް ކުރިން ކުޅުނު ދެ މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.

ޔުވެންޓަސް ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅުނު މެޗުން ވެލެންސިއާ އަތުން 2-0 އިން މޮޅުވިއިރު، އެ މެޗުގައި ރަތްކާޑު ދެއްކުމުން ރޮނާލްޑޯއަށް، ޔުވެންޓަސް ޔަންގް ބޯއީސް އަތުން 3-0 އިން މޮޅުވި މެޗު ގެއްލުނެވެ. އެއީ އެއް މެޗުގެ ސަސްޕެންޝަންއެއް އައުމުންނެވެ.

ޔުނައިޓެޑަށް މި ސީޒަންގައި އެންމެ އެކަށީގެންވާ ނަތީޖާތަކެއް ނެރެވެމުން ނުދިޔަ ނަމަވެސް، އެ ޓީމު ފަސޭހަ ނުވާނެކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. އަދި އޭނާގެ ކުރީގެ ކޯޗު އެލެކްސް ފަގަސަން އަށް ވަނީ ވަރަށް ބޮޑު ޝުކުރުވެރިވެ ތަޢުރީފު ކޮށްފައެވެ.

“މެންޗެސްޓާއަށް އެނބުރި އައުމަކީ އަހަންނަށް ޚާއްސަ ކަމެއް. މި ތަނުގައި އަހަރެންނާ ގުޅިފައިވާ އެތައް ހަނދާންތަކަކާއި، އަސަރުތަކެއް އެބަހުރި. އަދި ޚާއްސަކޮށް އެލެކްސް ފާގަސަންއަށް ހެޔޮ އެދުންތައް ފޮނުވަން. އެއީ އަހަރެންނަށް ވަރަށް ބޮޑަށް އެހީތެރިވެދިން މީހެއް” ރޮނާލްޑޯ ބުނެފައިވެއެވެ.

މިރޭ ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here