ރިޕޯޓް: ސައުދީ ނޫސްވެރިޔާގެ މަރު – މުޅި އޮޕަރޭޝަން ހިންގުމުގައި ސައުދު އަލް ގައްތާނީ

ދުވަސް އެމްވީ

އޭނާގެ ނަމަކީ ސައުދު-އަލް-ގައްތާނީ އެވެ. ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ އެތައް ބަޔަކު ހައްޔަރުކޮށް ބޮޑު ތަހުގީގެއް ކުރިއަށްގެންދިޔަ ގެންދިއުމުގެ އަޑީގައި ހުރި މާސްޓަރ މައިންޑަކީވެސް ގައްތާނީއެވެ. ލުބުނާނުގެ ބޮޑުވަޒީރު ސާދު އަލް ހަރީރީ ރަހީނުކޮށް ބިރުދައްކާ އަނިޔާ ކުރީވެސް ގައްތާނީ އެވެ. އަދި މުއުތަބަރު މަސްދަރުތަކުން ބުނާގޮތުންނަމަ ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީގެ މަރު ޕްލޭން ކުރުމުން ފެށިގެން ގޮސް “އެގްޒެކިއުޓް” ކުރުމާއި ހަމައަށް ހުރިހާ ކަމެއް ކުރީވެސް ހަމަ ސައުދު އަލް ގައްތާނީ އެވެ. ހަޝޫގްޖީގެ މަރުގެ އެންމެހާ ކަމެއް ސްކައިޕް މެދުވެރިކޮށް ބަލަމުން “އެ ކުއްތާގެ ބޯ ބުރިކޮށްގެން މަށާއި ހަމައަށް ގެނޭ” މިފަދަ އޯޑަރުތައް ސްކައިޕް މެދުވެރިކޮށް މި ގައްތާނީ ދިޔައީ ދެމުންނެވެ.

ގައްތާނީ އަކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ގެ އެއް އަތްފަދަ ބޭފުޅެކެވެ. ގައްތާނީ އޭނާގެ މަގާމުން ވަކިކޮށް ހައްޔަރު ކޮށްފައިވާކަމަށް ސައުދީ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

ނަމަވެސް ގައްތާނީ އަކީ އާދައިގެ މީހެއް ނޫން ކަމަށާއި ހައްޔަރުކޮށްފައިވާކަމަށް ބުނަނީ ނަމެއްގައި ދުނިޔޭގެ ލޯތަކުގައި އަނދުން އެޅުމުގެ ގޮތުން ކަމުގައި ސައުދީ ރޯޔަލް ކޯޓުގެ ބައެއް މަސްދަރުތަކުން ބުނެއެވެ.

ގައްތާނީ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އަކީ އެމްބީއެސްގެ އިޒްނައާއި ނުލާ އެއްވެސް ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. އޭނާ އަކީ ވަލީ އަހުދު އެމްބީއެސްގެ ވަފާތެރިއެއް ކަމަށެވެ. އޭނާގެ ނިންމުންތަކަކީ އަމިއްލަ ނިންމުންތަކެއް ނޫން ކަމަށެވެ. ކަން ކުރަނީ ބޮސް އަންގާ ގޮތަށް ކަމަށެވެ. ‘

ނަމަވެސް ސައުދީ އޮފިޝަލުން ރަސްމީ ގޮތެއްގައި ބުނަމުން އަންނަނީ ހަޝޫގްޖީގެ މަރާއި ބެހޭ ކުޑަ ނަމަވެސް މައުލޫމާތެއް ވަލީ އަހުދު އެމްބީއެސްއަށް އެނގިފައި ނުވާކަމަށެވެ. އޭގެ އިތުރަށް އެކަމާއި އެއްޗެއް ބުނަން ސައުދީން ބޭނުމެއް ނުވެއެވެ.

އެހެން ނަމަވެސް ކަންތައް ވެގެންދިޔަ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރު ސައުދީއާއިމެދު ޝައްކުގެ ނަޒަރަކުން އަންނަނީ ބަލަމުންނެވެ. އެއީ ކަން ހިނގާ ދިޔަ ގޮތުންނާއި ސައުދީގެ ބަސް ބަދަލުވަމުން އައި ގޮތުންނެވެ.

އެންމެ ފުރަތަމަ ސައުދީން ބުނީ ހަޝޫގްޖީ، ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ގޮސް އޭނާ ކުރަން އައި ކަންތައް ވުމުން ކޮންސިއުލޭޓް ދޫކޮށް ދިޔަކަމަށެވެ. ފަހުން ބުނީ ކޮންސިއުލޭޓްގެތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރޭގައި ހަޝޫގްޖީ މަރުވީ ކަމަށެވެ. ނަމަވެސް ހަޝޫގްޖީ މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅައި ބާރުކޮށް ނޭވާ ހާސްކޮށްގެން ކަމަށްވެސް ސައުދީން ފަހުން ބުނެފައިވެއެވެ.

ކޮންމެއަކަސް ހަޝޫގްޖީގެ މަރަށް ތިން ހަފްތާ ވާން ގާތްވެފައިވާއިރު މިފަދަ ބައެއް ޖަރީމާތަށް ސައުދީގައި ކުރިންވެސް ހިންގާފައިވާކަމާއި އަދި އެ ޖަރީމާތަކުން ސައުދީ ފަސޭހަކަމާއެކު އަރައިގެންފައިވާކަމުގައި ބައިނަލްއަގްވާމީ ނޫސްތަކުން ސިފަކުރެއެވެ.

އެގޮތުން އެއް ކަމަކީ ލުބުނާނުގެ ބޮޑުވަޒީރު ސާދު އަލް ހަރީރީ، 2017 ވަނަ ރަހީނު ކުރުމެވެ. ސައުދީ އަދި ހުޅަނގުގެ ޑިޕްލޮމެޓުން ބުނެފައިވާގޮތުގައި ހަރީރީ ރަހީނު ކުރުމަށްފަހު ހަރީރީއަށް އަނިޔާވެސް ކުރިއެވެ. އަދި އެކަން ކުރި މީހަކީވެސް ގައްތާނީ އެވެ. އެހުރިހާ ކަމެއްވެސް ދިޔައީ ގައްތާނީގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.

ހަޝޫގްޖީގެ މަރުގެ ކަންކަން ގައްތާނީ ކުރިއަށްގެންދިޔަ ގޮތް

މުއުތަބަރު އެކި މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި މިހާރު ރިޕޯޓްކޮށްފައިވާގޮތުގައި ގައްތާނީ މިކަން ކޮށްފައިވަނީ ސީދާ ވަލީ އަހުދު އެމްބީއެސްގެ އޯޑަރަށެވެ. (މިއީ އެ މަސްދަރުތަކުން ބުނާގޮތެވެ).

އޮކްޓޯބަރު ދެވަނަ ދުވަހުގެ މެންދުރު 01:00 ހާއިރު ތުރުކީގައި ހުރި ސައުދީ ކޮންސިއުލޭޓަށް ހަޝޫގްޖީ ދިޔައީ ތުރުކީގައި ހުރި އޭނާގެ ލޯބިވެރިޔާ ހަދީޖާ އާއި ކައިވެނި ކުރުމަށް، ހަޝޫގްޖީގެ ކުރީގެ ކައިވެނީގެ ވަރީގެ ސެޓިފިކެޓްގެ ކޮޕީއެއް ނެގުމަށެވެ.

ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔުމުގެ ކުރިން ގައްތާނީ ވަނީ ހުރިހާ ރޭވުމެއް ރާވާފައެވެ. އެގޮތުން ކޮންސިއުލޭޓްގެ އާންމު މުވައްޒަފުންނަށް އެދުވަހު ޗުއްޓީ ދިނެވެ. ހަޝޫގްޖީ އެމްބަސީއަށް ދިއުމުގެ ގަޑި ދެގަޑިއިރެއްހާއިރު ކުރިން ސީދާ ސައުދީން ދެ ފްލައިޓެއްގައި ސައުދީ އިންޓެލިޖެންސްގެ މައްޗަށް އެކުލެވޭ 15 އޮފިސަރުންގެ ޓީމެއް ތުރުކީއަށް ގޮސް ސައުދީ ކޮންސިއުލޭޓްގައި ކޭމްޕު  ޖެހިއެވެ.

ހަޝޫގްޖީ ކޮންސިއުލޭޓަށް ވަނުމާއެކު އިންޓެލިޖެންސްގެ އެ ޓީމުގެ ދަށަށް އޭނާ ގެންދިޔައެވެ.

މި މައުލޫމާތު ތަކަކީ ސައުދީ ހައި ކޯޓުގެ މަސްދަރަކުން ބައިނަލްއަގްވާމީ މީޑިއާތަކަށް ދީފައިވާ މައުލޫމާތު ތައް ކަމަށްވާއިރު އެ މަސްދަރުން ބުނެފައިވަނީ އެއަށްފަހު ކޮންސިއުލޭޓްގް އޮފީސް ގޮޅިއަކަށް ހަޝޫގްޖީ ވައްދާ، ސްކައިޕް ކޯލެއް މެދުވެރިކޮށް ގައްތާނީ ހަޝޫގްޖީއަށް އިންޒާރުދީ ބަހުގެ ބަސްތައް ރައްދުކުރިއެވެ. އަދި ރައްދުގައި ގައްތާނީއަށް ހަޝޫގްޖީ ރައްދު ދިނުމުން “އެ ކުއްތާގެ ބޯ ބުރިކޮށް ގެނައުމަށް” ގައްތާނީ އޯޑަރު ދިން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ހަޝޫގްޖީގެ ހަށިގަނޑު ކޮށާ ކުދިކުދި ކުރިއިރު (ތުރުކީ އޮފިޝަލުން ބުނާގޮތުންނަމަ) ހުރިހާ ކަމެއް ގައްތާނީ ބަލަމުން ދިޔަކަން ސާފެއް ނުވެއެވެ. އެހެން ނަމަވެސް ގައްތާނީގެ އެ ކޯލްއާއި މުޅި އޮޕަރޭޝަންގެ އޯޑިއޯ ތުރުކީ އިންޓެލިޖެންސަށް ލިބިފައިވާކަމަށާއި އަދި މިހާރު އެ ރެކޯޑިންތައް ހުރީ ތުރުކީގެ ރައީސް އުރުދުގާންގެ އަތުގައި ކަމަށް ތުރުކީގެ އިންޓެލިޖެންސުން ބުނެއެވެ. ތުރުކީން ހާމަކޮށްފައިވާގޮތުގައި ތުރުކީގެ ރައީސް މި ހަފްތާގައި ދެއްވާ އޯޑިއޯ ހިތޯބުގައި އެ އޯޑިއޯތައް އާންމު ކުރާނެއެވެ.

ގައްތާނީ އަކީ ކާކު !؟

އުމުރުން 40 އަހަރުގެ ގައްތާނީ އަކީ އާއިލީ ގޮތުން ޝާހީ އާއިލާއާއި ގުޅުމެއް އޮތް ބޭފުޅެއް ނޫނެވެ. 2000ގެ ކުރީކޮޅު އޭނާ ބްލޮގެއް ހިންގިއެވެ. ޝާހީ އާއިލާއަށް ތާއީދުކޮށް ލިޔުންތައް ލިޔަމުން ދިޔައެވެ. ޓްވިޓާ އެތައް އެތައް އެކައުންޓެއް ބަލަހައްޓަމުން ދެއެވެ. އެއީ ސީދާ ޝާހީ އާއިލާގެ ދިފާއުގައި، ހާއްސަކޮށް ވަލީ އަހުދު އެމްބީއެސްގެ ދިފާއުގައި ހިންގި ޓްވީޓާ އެކައުންޓްތަކެވެ.

ގައްތާނީ އާއި ވަލީ އަހުދު އެމްބީއެސް އާއި ގާތް ގުޅުމެއް އުފެދިގެން ދިޔައި 2015 ވަނަ އަހަރުން ފެށިގެންނެވެ. އެއަށްފަހު އެމްބީއެސްގެ ގިނަ ކަންތައްތަކެއް ސީދާ ގައްތާނީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެއެވެ. ސައުދި ނޫސްތައް ކޮންޓްރޯލް ކުރަނީވެސް ސީދާ ގައްތާނީ ކަމަށް ބުނެއެވެ. އަދި ޝާހީ ބްލެކް ލިސްޓް ބަލަހައްޓަނީވެސް ސީދާ ގައްތާނީ ކަމަށާއި އެ ލިސްޓްގައި ހަޝޫގްޖީ ހިމެނޭކަމަށްވެސް ބުނެއެވެ.

ކޮންމެއަކަސް ގައްތާނީ އަކީ އާރާއި ބާރުގަދަ އަދި އެމްބީއެސްގެ އަނދިރި ފަރާތްކަމުގައި ސިފަ ކުރާއިރު އަދިވެސް ސައުދީން ގައްތާނީ ދިފާއުކޮށް ގައްތާނީ ސަލާމަތް ކުރާނެ ކަމަށް ސައުދީ ބައެއް އިސް އޮފިޝަލުން ބުނެއެވެ.

——————————

ހަޝޫގްޖީ އަކީ ސައުދީއަށް ނިސްބަތްވާ ނޫސްވެރިއެކެވެ. އޭނާ ސައުދީ ދޫކޮށް އެމެރިކާއަށް ހިޖުރަ ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭނާ ސައުދީ ދޫކުރީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ސައުދީގައި ނެތްކަމަށް ބުނެއެވެ. އެމެރިކާއަށް ބަދަލުވެ ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔައިރުވެސް ސައުދީން ހަޝޫގްޖީ ފާހަގަ ކުރަމުން ގޮސްފައިވަނީ ގައުމަށް އަދުއްވެއްގެ ގޮތުގައެވެ. ސައުދީ ޝާހީ އާއިލާގެ ނިންމުންތަކަށް ސީފާ ފާޑު ކިޔާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here