ޕިންކް ރިބަން ރަން-ވޯކް: އަންނަ ހޮނިހިރު ދުވަހު – ހުޅުމާލޭގެ އިތުރުން 27 ރަށެއްގައި

ދުވަސް އެމްވީ

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހު ބާއްވާ “ޕިންކް ރިބަން ރަން- ވޯކް” އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ދުވުންވެސް ހުޅުމާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗް ހުންނަ ކޮންމެ ރަށެއްގައި ކުރިއަށްދާނެއެވެ. މި ހަރަކާތަކީ އެއްފަހަރާ މިހާ ގިނަ ރަށްރަށުގައި ކުރިއަށްދާ ހަމައެކަނި ދުވުންކަންވެސް ފާހަގަކޮށްލެވެއެވެ. ހުޅުމާލޭގެ އިތުރުން 27 ރަށެއްގައި މި ހަރަކާތް ކުރިއަށްދާނެއެވެ.

ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ “ޕިންކް ރިބަން ރަން- ވޯކް” ހުރިހާ ރަށެއްގައިވެސް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ހަވީރު 4:00 ގައެވެ. އަދި މި ދުވުމުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީކުރާކަށްވެސް ނުޖެހޭނެއެވެ. ދުވުމުގައި ބޭނުންކުރާ ޓީޝާޓް ލެކިއުޓް، މާލެ، އަދި ރެޕިއުޓް، ހުޅުމާލެއިން 150 ރުފިޔާ އަށް ގަންނަން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ދުވުން އޮންނަ ރަށްތަކުންވެސް ލިބެން ހުންނާނެއެވެ. ޓީޝާޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާ އެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކެންސަރ ސޮސައިޓީ އަށް ވުމާއެކު ދުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް މި ހާއްސަ ޓީޝާޓް ބައްލަވައިގަތުމަކީ ސީއެސްއެމްގެ ވަރަށް ބޮޑު އެދުމެކެވެ.

ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމަކީ ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިކުރުވައި އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ބަޔާންކޮށްދޭ މުހިންމު ހަރަކާތެކެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން “ޕިންކް ރިބަން ރަން- ވޯކް”  ބޭއްވުމަށް ސީއެސްއެމް އަށް އެހީތެރިވަމުންނެވެ. މީގެ އިތުރުން ސީއެސްއެމްއާ އެކު ބޭންކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ބައިވެރިންނަށް އަމާޒުކޮށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއްވެސް ވަނީ ހިންގާފައެވެ. މީގެ އިތުރުން ކެންސަރާ ބެހޭ މައުލޫމާތު ދިނުމާއި ގަވައިދުން ކެންސަރުގެ އަލާމާތެއް ފެނޭތޯ ބެލުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް ބޭއްވުނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here