ރެއާލްއަށް އަޑިގަނޑަކުން ނޭރިފައި. ލެވަންޓޭ އަތުން ވެސް ބަލިވެއްޖެ

މުހައްމަދު ޝާހީން

ދަށް ނަތީޖާތަކަކާއެކު ނުތަނަވަސްކަން ބޮޑުވެފައިވާ ރެއާލް މެޑްރިޑް މިރޭ އަމިއްލަ ދަނޑުގައި ލެވަންޓޭ އަތުން 2-1 އިން ބަލިވެއްޖެއެވެ. ލެވަންޓޭ މެޗުގެ ކުރިން ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން ބަލިވެ، 2 މެޗުން އެއްވަރުވެ، އެއިން އެއްވެސް މެޗެއްގައި ލަނޑެއް ކާމިޔާބު ނުކުރެވި އޮތް ރެއާލް މިރޭ އަނެއްކާ ވެސް ބަލިވުމުން، ކޯޗު ލޮޕެޓެގީގެ މަގާމުން ވަކި ކޮށްފާނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާ ވެސް ވަނީ ގަދަވެފައެވެ.

ދަށް ނަތީޖާއަށް ނިމުމެއް ގެނައުމަށް ލޮޕެޓެގީ މިރޭ 5 ބަދަލަކާއެކު ރެއާލް މެޑްރިޑް ނެރުނު ނަމަވެސް، މެޗުގެ ކުރީކޮޅު ލެވަންޓޭއިން ވަނީ 2 ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ލުއިސް މޮރަލެސް ޖެހިއިރު، ދެ ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރޮގާ މާޓީއެވެ. 3 ފަހަރެއްގެ މަތިން ވީއޭއާރް ބޭނުންކުރި މި މެޗުގައި، މި ޕެނަލްޓީއަކީ ވީއޭއާރ ރިވިޔުއަށް ފަހު ދިން ޕެނަލްޓީއެކެވެ.

ރެއާލް އިން ނަތީޖާ ހަމަހަމަ ކުރުމަށް ދެ ވަނަ ހާފު ބޭލް އާއެކު ފެށިއިރު، އެ ޓީމުގެ 3 ހަމަލާއެއް ލެވަންޓޭގެ ގޯލު ދަނޑިއަށް ވެސް އަމާޒުވިއެވެ. އެހެނަސް، ރެއާލްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑަކީ މާސެލޯ ޖަހައިދިން ލަނޑެކެވެ. މި މެޗުގައި ލެވަންޓޭ އަދި ރެއާލް އިން ޖެހި ލަނޑެއް ވެސް ވީއޭއާރ ރިވިޔުއަށް ފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ހަފުތާގައި ޗެމްޕިއަންސް ލީގުގެ މެޗެއް ވެސް އޮވެފައި، އަދި 8 ދުވަސް ފަހުން މަޝްހޫރު އެލް ކްލާސިކޯ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، މިރޭގެ މެޗުން ބަލިވުމަކީ ލޮޕެޓެގީއަށް ބޮލު ރިހުމަކަށް ވާނެއެވެ.

ފޯމު ގެއްލިފައިވާ ރެއާލްއަށް މިރޭގެ މެޗުގެ 56 ވަނަ މިނިޓާހަމައަށް ލަނޑެއް ނުޖެހުމާއެކު، ރެއާލްގެ 116 އަހަރުގެ ދިގު ތާރީޚްގައި ލަނޑެއް ނުޖެހި ހޭދަވި އެންމެ ގިނަ ވަގުތުގެ ނުތަނަވަސް ރެކޯޑް ވަނީ އާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here