އަމަންއަމާންކަން ގާއިމް ކުރެވޭނީ އިމްޕޯޓްކޮށްފައިވާ ގާނޫނުތައް މާހައުލަށް ފައްތައިގެން: އުމަރު

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ގިނަ ގާނޫނުތަކަކީ އިނގިރޭސި ވިލާތުން އިމްޕޯޓްކޮށްފައިވާ ގާނޫނުތައް ކަމަށާއި އެ ގާނޫނުތައް ކޮށާމަށާ ރާއްޖޭގެ މާހައުލަށް ފައްތައިގެން ނޫނީ ރާއްޖޭގެ އަމަން އަމާންކަން ގާއިމް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަމަން އަމާންކަން ގާއިމް ކުރުމުގައި ފުލުހުންނަށް ހުރި ދަތިތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ ގާނޫނުތައް ތަރުޖަމާކޮށްލާފައިވާއިރު ރާއްޖޭގެ މާހައުލާ އިނގިރޭސި ވިލާތުގެ މާހައުލާ އެގައުމުގެ ފުދުންތެރިކަމާ މިގައުމުގެ ފުދުންތެރިކަމާމެދު ގާނޫނު ހަދާ ފަރާތްތަކުން އެއްވެސް ވަރަކަށް ވިސްނާލާފައި ނެތް ކަމަށެވެ.

“ މިސާލަކަށް ބަލާ ތ އަތޮޅު، މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒު އެބަހުރި، 5 ރަށެއްގައި ކޯޓު އެބަހުރި، ނަމަވެސް ތ.އަތޮޅުގެ ކޯޓު ނެތް، ފުލުހުން ނެތް ރަށަކުން ކުށްވެރިއަކު ހައްޔަރުކޮށްގެން ގެންދަންޖެހެނީ ކޯޓު ހުރި ރަށަކަށް، ޑިޓެންސަނަށް ގެންދަންޖެހެނީ ލ.އަތޮޅަށް، އެންމެ ކުށްވެރިއަކު ޑިޓެންސަނާ ހަމައަށް ގެންދަން ދައުލަތުން 14 ހާސް ރުފިޔާ އެބަހޭދަވޭ، އިނގިރޭސިވިލާތުގައި ނަމަ ހޭދަވަނީ އެންމެ 300 ރުފިޔާ، އެއީ ކާރުގެ ޕެޓްރޯލް ހަރަދު“ މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނުތަކާހެދި ފުލުހުންނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ގާނޫނުތަކަށް އެކަށީގެންވާ ބަދަލުތައް ނުގެނެސް ރާއްޖޭގައި އަމަންއަމާންކަން ގާއިމްކުރަން ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

”މި ގައުމުގައި ގިނަ ގާނޫނުތައް ހުރީ އިނގިރޭސި ގާނޫނުތައް ނަމޫނާއަށް ބަލައިގެން ހަދާފަ، އިނގިރޭސި މާހައުލާ ރާއްޖޭގެ މާހައުލާ ވަރަށް ތަފާތު، ފާއިތުވި 10 އަހަރުގަ ރާއްޖޭގެ ތިން ސަރުކާރެއް އިންގިލާބުކޮށްލަން މަސައްކަތްކުރެވިއްޖެ، އެގައުމުގެ މުޒާހަރާތައް ނިންމާލަނީ އަމާންކަމާއެކު ، މިގައުމުގަ މުޒާހަރާތައް މި ނިންމާލަނީ ހުޅުޖަހަމުން، ގާނޫނުތަކާ ގައުމުގެ ވެއްޓާ ފުށޫއަރާ“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުއިތުރަށް ވިދާޅުވީ ގާނޫނު ތަކުގައި ހުރި ނުރަނގަޅުކަންކަން ހޯދާ އިސްލާހު ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި މަޖިލީހުގެ މެމްބަރުން ދުންމާރި ފުމެން ނުތިބެ ރާއްޖޭގެ ގާނޫނުތައް އިސްލާހު ކޮށްދިނުމަށް ހުރިހާ ޕާޓީއަކުންވެސް މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކުށްވެރިން މޮނީޓާކޮށް ބެލެހެއްޓުމުގެ ”މޮނިކޮމް“ ގާނޫނު މިހަފްތާތެރޭގައި މަޖިލީހަށް ވެއްދޭނެ ކަމަށާއި އިތުރު ބައެއް އިސްލާހުތައް ކަމާބެހޭ ފަރާތްތަކާ މިހާރު ހިއްސާ ކުރެވިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *