ކެމެރޫންގެ ރިޔާސީ އިންތިހާބު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި

ދުވަސް އެމްވީ

ކެމެރޫންގައި މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަން އެގައުމުގެ ކަންސްޓިޓިއުޝަނަލް ކައުންސިލަށް ހުށަހަޅައިފިއެވެ.

އިންތިހާބު ބާތިލުކުރަން ހުށަހަޅާފައިވަނީ އޮޕޮޒިޝަން ކެނޑިޑޭޓް މޮރީސް ކަމްޓޯއެވެ.

ރިޔާސީ އިންތިހާބުގައި ކުރި ހޯއްދެވި ކަމަށް ބެލެވެނީ 1982 އިން ފެށިގެން އެގައުމުގައި ރައީސްކަން ކުރައްވަމުން އަންނަ ޕޯލް ބިޔާ ކަމުގައި ރިޕޯޓްތައް ބުނެއެވެ. މި އިންތިހާބު ޕޯލް ބިޔާއަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ އިތުރު ފަސް އަހަރު ވެރިކަމުގައި ހުންނާނެއެވެ. މިހާރުވެސް 36 އަހަރު ޕޯލް ބިޔާ ވަނީ ވެރިކަން ކުރައްވާފައެވެ. މިހާރު ޕޯލް ބިޔާގެ އުމުރުފުޅަކީ 85 އަހަރެވެ.

އިންތިހާބުގެ ނަތީޖާ އަދި އިއުލާނުކޮށްފައިނުވާއިރު އިންތިހާބު ބާތިލުކުރަން ހުށަހަޅާފައިވަނީ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގާ ވޯޓު ފޮށިތައް ބަދަލުކޮށް، ވަގު ވޯޓު ފޮށިތަކަށް އަޅާފައިވާކަމުގެ ތުހުމަތުގައެވެ.

ނަމަވެސް އެ ގައުމުގެ އިލެކްޓޯރަލް ބޮޑީން އެކަން ދޮގުކުރެއެވެ. އެ ބޮޑީން ބުނެފައިވާގޮތުގައި ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް މި އިންތިހާބުގައި ހިނގާފައެއް ނުވެއެވެ.

އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގާ ކެމަރޫންގައި އިއްޔެ ވަނީ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. އެ އަޑުއެހުމުގައި އޮތީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާންތައް ނެގުމެވެ. ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ އާދީއްތަ ދުވަހާއި ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here