ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދުވަސް އެމްވީ

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި އޮކްޓޫބަރ މަހުގެ 15ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓްކޮށްފިއެވެ.

ފުލުހުންގެ  ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ 03 މާއްދާއިން ދަށްވެގެން “ސީ” ފާސްލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން “ސީ” ފާސްލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅުންހުރި ދާއިރާއެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުމާއި  ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ،ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޖީ.ސީ.އީ އޭ-ލެވަލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި މި ސަރވިސްއަށް ބޭނުންތެރި ދާއިރާތަކުން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޑް ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ. އަދި މީގެއިތުރުން ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މިސަރވިސްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އުމުރުން 25 އަހަރު ފުރި 27 އަހަރު ފުރިފައިވާ މީހަކަށް ނުވުމާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅުންހުރި  ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ މީހެއްނަމަ އެމީހަކު މަސައްކަތްކޮށްފައިވާ ގޮތަށް ބެލެވޭނެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި (އެކްރެޑިޓް ކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު، ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ  އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުމާއި އަދި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާނީ 2018 ނޮވެމްބަރ 15 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށެވެ. އަދި މިވަޒީފާއަށްއެދި ފޯމް ހުށަހަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކުގައެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00ން 16:00 އަށެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv   އިން ޑައުންލޯޑްކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here