ޖަމާލް ޚަޝްހޫޤްޖީ: ސައުދީން މަރާލާފައިވާކަމަށް ބުނާ މި ނޫސްވެރިޔާ އަށް މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައި  

ދުވަސް އެމްވީ

ޖަމާލް ޚަޝްހޫޤްޖީ އަކީ ސައުދީ އަރަބިއްޔާއަށް އުފަން ނޫސްވެރިއެކެވެ. އެއީ އަލް އަރަބް ނިއުސް ޗެނަލްގެ ކުރީގެ ޖެނެރަލް މެނޭޖަރ އަދި އެޑިޓަރެވެ. އަލް ވަތަން ނޫހުގައިވެސް އެޑިޓަރުކަން ކުރިއެވެ. ޚަޝްހޫޤްޖީ ސައުދީ ދޫކޮށްލީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ހިޔާލު ފާޅުކުރުމަށް ސައުދީން ހުރަސް އަޅާކަމަށް ބުނެއެވެ. އޭނާއަށް ވީ ނުވީއެއް ނޭނގި ގެއްލުނީ މި ހިނގާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ޚަޝްހޫޤްޖީ އެންމެ ފަހުން ފެނިފައިވަނީ ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ. ތުހުމަތު ކުރެވޭގޮތުގައި ސައުދީ އެޖެންޓްތަކެއްގެ އެހީގައި ސައުދީން ވަނީ އޭނާ، އެ އެމްބަސީ ތެރޭގައި މަރާލާފައެވެ. ސަބަބެއް ކަމަށް ބެލެވެނީ ހުއްޓުމެއްނެތި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި ސައުދީ ރަސްގެފާނު ސަލްމާނުގެ ސިޔާސަތު ތަކަށް ފާޑުކިޔަމުން ދިޔުމެވެ.

ޚަޝްހޫޤްޖީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ދިޔައީ އޭނާގެ ކުރީގެ ކައިވެންޏާއި ގުޅޭ ވަރީގެ ސެޓްފިކެޓް ހޯދުމަށެވެ. އެ ސެޓްފިކެޓް އޭނާ ބޭނުންވީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ކަމުގައިވާ، ތުރުކީއަށް ނިސްބަތްވާ ހަތީޖޭ ޖޭންކިޒް އާއި ކައިވެނި ކުރުމެވެ.

ޖަމާލް ޚަޝްހޫޤްޖީ އަދި ތުރުކީއަށް ނިސްބަތްވާ އޭނާގެ ލޯބިވެރިޔާ ހަތީޖޭ ޖޭންކިޒް —

ސައުދީ އެމްބަސީއަށް ޚަޝްހޫޤްޖީ ވަން ވަގުތުން ފެށިގެން އޭނާގެ ލޯބިވެރިޔާ ދިޔައީ އެމްބަސީ ބޭރުގައި އޭނާއަށް އިންތިޒާރު ކުރަމުންނެވެ. އެމްބަސީ ބަންދުކުރާ ވަގުތު ޖެހި ބަންދުކުރި އިރުވެސް ޚަޝްހޫޤްޖީ ނުނިކުތުމުން އެކަން ތުރުކީ ފުލުހުންނަށް ރިޕޯޓް ކުރިއެވެ. ސައުދީ އެމްބަސީން ބުނެފައިވަނީ އެ އިމާރާތުގެ އެހެން ދޮރަކުން ޚަޝްހޫޤްޖީ ނިކުމެގެން ދިޔައީ ކަމަށެވެ. ނަމަވެސް އެކަމުގެ ހެއްކެތް ސައުދީ އެމްބަސީއަށް ދެއްކިފައެއް ނުވެއެވެ.

ތުރުކީގެ ފުލުހުންގެ ބައެއް އޮފިސަރުންވެސް ހިމެނޭގޮތަށް އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި ހަޝްހޫޤްޖީ ވަނީ މަރާލާފައެވެ. އަދި އެކަމުގައި ހަރަކާތްތެރިވީ ތުރުކީއަށް ދިޔަ ސައުދީއަށް ނިސްބަތްވާ 15 އެޖެންޓަކު ކަމަށް ބުނެއެވެ.

ތުރުކީގެ ފުލުހުންގެ އެއް އޮފިޝަލަކު ނަން ހާމަނުކޮށް މީޑިއާތަކަށް ބުނެފައިވަނީ ސައުދީން އައި އެޖެންޓުންގެ ޓީމުން ހަޝްހޫޤްޖީގެ ހަށިގަނޑު ކޮށާ ކުދި ކުދި ކޮށްލި ކަމަށާއި އަދި ފަރުވާތެރިކަމާއެކު އެމްބަސީއިން، ހަޝްހޫޤްޖީގެ ހަށިގަނޑުގެ ބައިތައް ބޭރަށް ނެރެ ނައްތާލާފައިވާކަމަށެވެ. އަދި ހަޝްހޫޤްޖީ މަރާލިކަން، އެކަން ހަވާލުކުރި ބަޔަކަށް ސާބިތުކޮށްދިނުމަށް އެ އެޖެންޓުން މުޅި އޮޕަރޭޝަން ވީޑިއޯކޮށް އެ ވީޑިއޯވެސް މިހާރު ތުރުކީން ބޭރުކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

ތުރުކީގެ ހާއްސަ ޓީމުތަކަކުން ހަޝްހޫޤްޖީގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެ ޓީމްތަކުން ބުނެފައިވާގޮތުގައި ސައުދި އެމްބަސީގެ ސީސީޓީވީ ފުޓޭޖްތަކުގެ އެދުވަހުގެ ރެކޯޑިންތައް ވަނީ ޑިލީޓް ކޮށްލާފައެވެ. އަދި ހަޝްހޫޤްޖީ ނިކުމެގެންދާ މަންޒަރު އެއްވެސް ފުޓޭޖަކުން ނުފެންނަކަމަށް ބުނެފައިވެއެވެ.

މިކަމުގައި ސައުދީއަށް ގިނަ ގޮތްގޮތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން ޚަޝްހޫޤްޖީ މަރާލާފައިވަނީ ސައުދީ ރަސްގެފާނުގެ އެންގުމަށް ކަމުގައިވެސް ތުހުމަތު ކުރެއެވެ. ނަމަވެސް އަދި މިކަމުގައި ކުރަނީ ހަމަ އެކަނި ތުހުމަތު ތަކެކެވެ.

ތަހްގީގަށް އެއްބާރުލުން ދޭނެކަމަށް ސައުދީ އަދި އިސްތާންބޫލްގައި ހުންނަ ސައުދީ އެމްބަސީން ބުނެފައިވާއިރު ތުރުކީން އަންނަނީ މި ކަން ތަހުގީގު ކުރަމުންނެވެ. ތުރުކީން ބުނެފައިވަނީ މިކަމުގެ ހަގީގަތް ހޯދާނެ ކަމަށެވެ.

ކޮންމެއަކަށް ދުނިޔޭގެ ނަޒަރު މިކަމަށް ހުއްޓިފައިވާއިރު ސައުދީ އަރަބިއްޔާއަށް މިކަމާއި ގުޅިގެން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިކަން ކުރީ ސީދާ ސައުދީގެ އެންގުމަށްކަމުގައި ސާބިތުވެއްޖެނަމަ ސައުދީއާއި ގިނަ ގައުމުތަކަކުން ގުޅުން ކަނޑާލަފާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here