ގޯއްޗެއް އެދޭ ފޫމް ލުމަށް މީހުން ކިޔޫ ޖެހިފައި -- ދުވަސް ފޮޓޯ

ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއާ ހަވާލުކޮށްފި

ދުވަސް އެމްވީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވާ 400 ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކޮށްފި އެވެ.

ގޯތި ގަންނަން ބޭނުންވާ އެތައް ބަޔަކު ކިޔޫގައި ތިއްބަ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގޯތި ވިއްކުމާއި ގުޅޭ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީން ކަމަށާއި ފޯމު ބަލައިގަތުމުގެ ތާރީހު ބަދަލު ކުރުމުގެ އިހުތިޔާރުވެސް އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަލުން ފޯމު ދޫކޮށް ބަލައިގެންނާނެ ތާރީހެއް އެނގޭނީ އެޗްޑީސީއަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއާ ހަވާލުކުރީ ހައުސިން މިނިސްޓްރީގެ ގޯތި ތެރޭގައި، ބޭނުންވާ މިންވަރަށް ޖާގަ ނެތުމުން ކަމަށެވެ. އަދި ގިނަ އިރު ކިޔޫގައި ތިބެންޖެހި އާންމުންނަށް ކުރިމަތިވި ދަތިތަކަށް ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ކުރިޔަށް ގެންދާނީ އެޗްޑީސީންނެވެ.

މިހާތަނަށް ގާތްގަނޑަކަށް 5،100 ފޯމު އެ މިނިސްޓްރީ އަށް ބަލައިގެންފައިވާ ކަމަށާއި އެއިން އެއްވެސް ފޯމެއް ބާތިލް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ހުރިހާ ފޯމަކާއި ލިޔެކިޔުންތައް އެޗްޑީސީއާ މިއަދު ހަވާލު ކުރާނެ ކަމަށް މުއިޒު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައިވަނީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކާށެވެ. ކޮންމެ ގޯއްޗެއް ވިއްކަން ނިންމާފައިވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

މީގެ އިތުރުން ބީލަމުގެ އުސޫލުން 100 ގޯތި ވިއްކުމަށްވެސް ހަމަޖެހިފައިވެ އެވެ. އެއީ އަކަފޫޓެއް 2،000 ރުފިޔާގެ މަގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here