ސަމާލުވުމަށް ޗެނަލް 13 އަށް އިލްތިމާސް ކޮށްފިން: ބްރޯޑްކޮމް

ދުވަސް އެމްވީ

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފައިވާކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ޗެނަލް 13 އަށް އިލްތިމާސް ކޮށްފައިވަނީ ބްރޯޑްކޮމްއިން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ ސެޕްޓެންބަރ 23، 2018 ވީ އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ޤަބޫލުކުރައްވައި ބަޔާން ނެރުއްވާފައިވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެނިހެން މެމްބަރުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް، ޞައްޙަނޫން ޚަބަރުތަކާއި މަޢުލޫމާތު، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅިފައިވާކަމަށެވެ.

“ވީމާ، “ޗެނަލް 13” އިން ކޮންޓެންޓް ފޮނުވުމުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓްކުރުމުގައި، ޤާނޫނު ނަންބަރު: 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވުމެއް އެއްކޮށް ލައިވްކޮށް ބްރޯޑްކާސްޓްކުރާނަމަ، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށްވެސް ދަންނަވަމެވެ.” ބްރޯޑްކޮމްގެ ސިޓީގައިވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންގެންދާ ކޮންޓެންޓެއްގެ ސަބަބުން ޤައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުންވެސް އެދޭކަމަށާއި އަދި، ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައިވެސް ދަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here