މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ ބަލައިގެންފި

ދުވަސް އެމްވީ

23 ސެޕްޓެންބަރު 2018 ގައި މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %25.9 އިތުރު އަދަދެއްކަމުގައި އެ އޮތޯރިޓީން ފާހަގަކުރެއެވެ.

“2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.” މީރާއިން ބުނެފައިވެއެވެ.

މީރާއިން ބުނެފައިވަނީ ސެޕްޓެންބަރު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި އެއީ %39.9 ނުވަތަ 507.83 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުން ކަމަށާއި އެއީ %25.7 ނުވަތަ 326.77 މިލިއަން ރުފިޔާ ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ (%6.5)، ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ (%5.0)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 61.10 މިލިއަން ރުފިޔާ (%4.8) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 231.18 މިލިއަން ރުފިޔާ )%18.2) ހިމެނޭކަމުގައިވެސް މީރާއިން ބުނެފައިވެއެވެ.

މީރާއިން އިތުރަށް ބުނެފައިވަނީ ސެޕްޓެންބަރު 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here