އިންޑިއާގެ ޖައިޕޫރުގައި ޒިކާ ވައިރަސްގެ ބިރު ބޮޑުވެއްޖެ

ދުވަސް އެމްވީ

އަވަށްޓެރި އިންޑިއާގައި ފަތުރުވެރިކަމަށް އެންމެ މަގްބޫލު ސިޓީ ކަމުގައިވާ ޖައިޕޫރުގައި ޒިކާ ވައިރަސް ފެތުރެމުން އަންނަކަމަށް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޒިކާ ކޮންޓްރޯލް ކުރުމަށް އިންޑިއާއިން މިހާރު ވަނީ ޖައިޕޫރަށް ހާއްސަ ޓީމެއް ފޮނުވާފައެވެ. އަދި މާބަނޑު މީހުން މޮނީޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މިހާތަނަށް 22 މީހަކު ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަމަށް އިންޑިއާގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފައިވާއިރު ޒިކާ ވައިރަސް އަށް އަދި ވެކްސިނެއް ނެތެވެ.

މިކަމާއި ގުޅޭގޮތުން އިންޑިއާގެ ސިއްހަތާއިބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒިކާ ފެތުރެމުން އަންނަ ހާލަތު ދެމި އެބައޮތް ކަމަށާއި ގަވާއިދުން ހާލަތު މޮނީޓަރ ކުރަމުން އަންނަ ކަމަށެވެ.

ޖައިޕޫރުގައި ޒިކާގެ ބިރު ބޮޑުވެފައިވާއިރު ބައެއް ޓްރެވަލް އެޖަންސީތަކުންނާއި ގައުމުތަކުން، ޖައިޕޫރަށް މާބަނޑު މީހުން ނުދިއުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޒިކާ ވައިރަސް އަކީ ޑެންގޫ އާއި ޗިކަން ގުންޔާ ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ވައިރަސްއެކެވެ. ޒިކާ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަނީ މަދުބަޔެއްގެ ގައިން ކަމުގައިވާއިރު ހުން އައުމާއި ގައިގައި ރަތް ކުލައިގެ ބިހި ނެގުމާއި ބޮލުގައި ރިއްސުމާއި ލޯބަލި ޖެހުމާއި ގައިގައާއި ހުޅުހުޅުގައި ރިއްސުން ފަދަ އަލާމާތްތަކަކީ ޒިކާވައިރަސްގެ އަލާމާތްތަކެކެވެ.

ޒިކާ ވައިރަސްގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑު އިރު، މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހުމުން މައިކްރޯސެފަލީ ޖެހުމުގެ ނުރައްކާ އިތުރުވެއެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް ނުއުފެދި، އުފަންވުމަށް ކިޔާ ނަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here