ބެލޮންޑިއޯއަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރޭގައި މެސީ، ރޮނާލްޑޯ އަދި މޮޑްރިޗް

މުހައްމަދު ޝާހީން

ފްރާންސް ފުޓްބޯލް ނޫހުން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަށް މި އަހަރު ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް ހާމަކޮށްފިއެވެ.

މި އަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މި އެވޯޑް ހޯދުމުގެ ޝަރަފު ލިބުނު ހަމައެކަނި ދެ ކުޅުންތެރިންކަމަށްވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީގެ ނަން ހިމެނެއެވެ. މީގެ އިތުރުން، 10 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލައި މި އަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް “ދަ ބެސްޓް” ހޯދި ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗްގެ ނަން ވެސް މި ލިސްޓުން ފާހަގަ ކޮށްލަން ޖެހެއެވެ.

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ފިޔަވައި ބެލޮންޑިއޯ އެންމެ ފަހުން ހޯދި ކުޅުންތެރިޔަކީ ބްރެޒިލްގެ ކަކާއެވެ. ކަކާ 2007 ގައި މި އެވޯޑް ހޯދިއިރު، މިއީ މެސީ، ރޮނާލްޑޯ ބެލޮންޑިއޯ ހޯދަމުން އައި އައުމަށް ނިމުމެއް ގެންނާނެ އަހަރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މެސީ އާއި ރޮނާލްޑޯ ވަނީ މި ދިޔަ 10 އަހަރުގެ ތެރޭގައި ކޮންމެ ކުޅުންތެރިއަކު 5 ފަހަރު މި އެވޯޑް ހޯދާފައެވެ.

މެސީ އާއި ރޮނާލްޑޯގެ އިތުރުން ދެން މި އެވޯޑް އެންމެ ގިނައިން ހޯދީ ޕްލެޓިނީ، ކްރޮފް އަދި މާކޯ ވެން ބަސްޓެން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ބެލޮންޑިއޯ 3 ފަހަރު ހޯދާފައެވެ.

މެސީ، ރޮނާލްޑޯ، މޮޑްރިޗްގެ އިތުރުން މި އަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ބަލާލާއިރު، ފޯވާޑުންގެ ތެރޭގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ އަގުއޭރޯ، ރެއާލްގެ ގެރެތު ބޭލް އާއި ބެންޒެމާ، ޕީއެސްޖީގެ އެޑިންސަން ކަވާނީ، ކިލިއަން އެމްބާޕޭ އަދި ނޭމާ، ލިވަޕޫލްގެ ފިރްމީނޯ، ސަޑިއޯ މާނޭ، މުޙައްމަދު ސަލާހް، އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން، ޓޮޓެންހަމްގެ ހެރީ ކޭން، ބާސެލޯނާގެ ލުއިޒް ސުއަރޭޒް އަދި ޔުވެންޓަސްގެ މާރިއޯ މަންޑޫސްކިޗް އަދި ޗެލްސީގެ އެޑިން ހަޒާޑްއެވެ.

ބެލޮންޑިއޯ އަށް ވާދަކުރާ މިޑްފީލްޑަރުންނަކީ ސިޓީގެ ކެވިން ޑި ބްރޭނާ، ޗެލްސީގެ އެންގޯލޯ ކަންޓޭ، ރެއާލްގެ އިސްކޯ، ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަދި ބާސާގެ އީވާން ރަކިޓިޗެވެ.

ޑިފެންޑަރުންގެ ތެރެއިން 30 ކުޅުންތެރިންގެ ނޮމިނީސް ލިސްޓްގައި ހިމެނުނީ އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ގޮޑިން، ރެއާލްގެ މާސެލޯ އާއި ސާޖިއޯ ރާމޯސް އަދި ރަފައެލް ވެރޭން އެކަންޏެވެ.

ބެލޮންޑިއޯ އަށް 4 ކީޕަރަކު ވެސް ވާދަކުރެއެވެ. އެއީ ލިވަޕޫލްގެ އެލީސަން ބެކާ، ރެއާލް މެޑްރިޑްގެ ތިބައޯ ކޯޓުއާ، ޓޮޓެންހަމްގެ ހޫގޯ ލޮރިސް އަދި އެތުލެޓިކޯގެ ޖޭން އޮބްލަކް އެވެ.

މި އަހަރުގެ ބެލޮންޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި ނުހިމެނުނު ބައެއް މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު، ޔުވެންޓަސްގެ ޑައިބަލާ، ބަޔާންގެ ލެވަންޑޯސްކީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާ ގެ ނަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here